ލޮލުން އެޅޭ އެންމެ ކަރުނަ ތިއްކެއްގެ ސަބަބުން ޢަރުޝީގެ ހިޔާވަހިކަން ލިބި، ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބިގެންދެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ލޮލުން އެޅޭ އެންމެ ކަރުނަ ތިއްކެއްގެ ސަބަބުން ޢަރުޝީގެ ހިޔާވަހިކަން ލިބި، ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބިގެންދެއެވެ!

ﷲ ތަޢާލާގެ ދީލަތިވަންތަކަމާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ލޮލުން އެޅޭ އެންމެ ކަރުނަ ތިއްކަކުން އެމީހާއަށް ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބިގެން އެބަ ދެއެވެ.

އެކަން އެނގިގެންދަނީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި ﷲ ތައާލާއަށް ލިބިވޮޑިގެންވާ ބާރުފުޅާއިމެދު ވިސްނައި ލޮލުން އެންމެ ކަރުނަ ތިއްކެއް އެޅި މީހަކު ވެސް ނަރަކައަށް ނުވައްދަވާނެތީއެވެ. އަދި ޢަރުޝީގެ ހިޔާވަހިކަން ނޫން އެއްވެސް ހިޔާވަހިކަމެއް ނުލިބޭނެ އެ ހޫނުގަދަ ޤިޔާމަތް ދުވަހު ޤިޔާމަތުގެ މައިދާނުގައިވެސް އެމީހަކަށް ހިޔާވަހިކަން ދެއްވަވާނެތީއެވެ.  

އަހަރެމެން ދެކެ އެންމެ ބޮޑަށް ލޯބިވާނެ މީހަކީ ބަނޑުއަޅައި ވިހޭ މަންމައެވެ. ނަމަވެސް އެމަންމަ ދަރިފުޅު ދެކެ ވާ ލޯބީގެ 70 ގުނަ އިތުރަށް ﷲ ތަޢާލާ އަހަރެމެންދެކެ ލޯބިފުޅުވެވޮޑިގެންވެއެވެ. ނަތީޖާއަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟  

މައިންބަފައިންނާއި ޢާއިލާގެ އިތުރުން މުޅި މުޖުތަމައު މީހަކު ދެކެ ރުޅި އައިސް، ނަފްރަތުކޮށް، ބާކީކޮށް ދޫކޮށްލި ނަމަވެސް ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވައެވެ. ﷲ ތަޢާލާ އެދިވޮޑިގަންނަވަނީ ތައުބާވުމަށެވެ. ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމަށެވެ. ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީ ނަމަވެސް ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވުމުން އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވަތެވެ.  

މިކަމުން އެނގިގެންދަނީ ﷲ ތަޢާލާ، އެކަލާގެ އަޅުތަކުން ދެކެ ލޯބިފުޅުވެވޮޑިގަންނަވާ މިންވަރެވެ. އެއްވެސް މީހަކަށް އެއްވެސް ޢަޛާބެއް ދެއްވެވުމަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. ނަމަވެސް މައްސަލައަކީ ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމަށް އަހަރެމެންނަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމެވެ. ޣާފިލުވެގެން ތިބެވޭކަމެވެ.  

- ޝައިޚް އަޙްމަދު އަލްމަންސަން ގެ ދަރުސަކުން

މިއަދު އޮންލައިން