އަބަދު މަސްތުގެހާލުގަ މަގުމަތީގަ އުޅުނު ޒުވާނަކު އެންމެ ބޮޑު ޙަދީޘް ޢިލްމުވެރިއަކަށް - އަހަރެމެންނަށް ބަދަލު ނުވެވޭންވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
އަބަދު މަސްތުގެހާލުގަ މަގުމަތީގަ އުޅުނު ޒުވާނަކު އެންމެ ބޮޑު ޙަދީޘް ޢިލްމުވެރިއަކަށް - އަހަރެމެންނަށް ބަދަލު ނުވެވޭންވީ ކީއްވެ؟

އެ ޒުވާނާއަކީ އަބަދު މަސްތުގެ ޙާލުގައި މަގުމަތީގައި އުޅުނު ޒުވާނެކެވެ. އެކަމުގައި ލަދުހަޔާތް ކެނޑިފައި ހުރިވަރުން މަގުމަތީގައި ޢާންމުކޮށް އުޅުނީވެސް ފުޅި ހިފައިގެންނެވެ. އެހާލަތުގައި ހުއްޓައި އެއް ދުވަހު އޭނާއަށް ފެންނަނީ ޙިމާރެއްގެ މަތީގައި އިންމީހެއްގެ ވަށައިގެން މީސްތަކުން އުޅޭތަނެވެ. އޭނާ އާއި މީސްތަކުން ބަދަލުކޮށް އިޙްތިރާމް އަދާކޮށް ސަލާންކުރަމުން ގެންދާތަނެވެ. 

މަންޒަރު ފެނުމުން އެ ޙާލުގައި ހުރެވެސް އެއީ ކާކުތޯ ބަލަން ޒުވާނާ ޝައުޤުވެރިވިއެވެ. އަދި އެމީހެއްގެ ކައިރިއަށް ގޮސް ހިމާރު ހުއްޓުވާފައި ހަރުކަށި ޢިބާރާތުން ތިއައީ ކާކުތޯ ސުވާލުކުރިއެވެ. 

އަރިހުގައި ތިބި މީހުން މިއީ އިމާމް ޝާބީ ކަމަށް ބުނުމުން އިމާމް ޝާބީ އަކީ ކީއްކުރާ ކާކުތޯ ސުވާލުކުރިއެވެ. ޖަވާބުގައި އެމީހުން ބުނީ އިމާމް އައްޝާބީ އަކީ ޙަދީޘް ޢިލްމު އުނގެނިވަޑައިގެން ހުންނެވި ޢިލްމް އުނގަންނަވައި ދެއްވާ ބޭކަލެއް ކަމަށެވެ. ދެން އޭނާ ބުނީ އެހެންކަމަށްވާނަމަ އޭނާއަށް ޙަދީޘްއެއް ބަޔާންކޮށްދެއްވުމަށެވެ.  

އިމާމް ވަރަށް ވިސްނުންތެރިކަމާއިއެކު ފުރުޞަތުގެ ބޭނުންފުޅުކުރައްވައި ވިދާޅުވިއެވެ. "އެމީހެއްގެ ކިބައިގައި ލަދު ހަޔާތް ނެތިއްޖެ ނަމަ އެމީހަކު ބޭނުން ގޮތަކަށް އުޅެންވީއެވެ. ބޭނުންހައި ކަމެއް ކުރަންވީއެވެ. އެކަން ހުއްޓުވާނެ މީހަކު ނެތެވެ." 

އެހާލަތުގައި ހުއްޓައި ނަމަވެސް އިމާމް ވިދާޅުވި ބަސްފުޅުތައް ތީރެއް ފަދައިން އޭނާގެ މެއަށް ހެރިގެންދިއައެވެ. އޭނާ ނިންމީ އޭނާ މުޅިން ބަދަލުވާށެވެ! އަދި ސަހަރުވެސް ދޫކޮށް އޭނާ ފުރައިގެން ދިއައީ ޙަދީޘް ޢިލްމު އުނގެނުމަށްޓަކައި މަދީނާއަށް، އިމާމް މާލިކްގެ އަރިއަހަށެވެ.  

އިމާމް މާލިކްގެ އަރިއަހުން ޙަދީޘް ޢިލްމު އުނގެނިވަޑައިގެން އެ ޒުވާނާ، ޢަބްދުﷲ އިބުނު މަސްލަމާ އަލްޤަނަބީ ވެވަޑައިގަތީ އިމާމް އަލްބުޚަރީ ޢާއި އިމާމް މުސްލިމަށް ވެސް ޙަދީޘް ޢިލްމު އުނގަންނަވައި ދެއްވި އިމާމަކަށެވެ.  

މީސްތަކުންނޭވެ! ކަންކަން ބަދަލުވަމުންދާ ގޮތް މިހިރީ ފެންނާށެވެ! ބަދަލު ވެވޭނީ ބަދަލުވާން މަސައްކަތްކުރުމުންނެވެ. އެންމެ ފުރަތަމަ ބޭނުންވަނީ ބަދަލުވުމުގެ ނިޔަތާއި ޢަޒުމެވެ. އެކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމެވެ.

އެއްވެސް ލަދެއް ހަޔާތެއް އަދި އަޚަލާޤެއް ނެތި މަގުތަކުގައި އުޅުނު ޒުވާނާގެ ޙަޔާތުން ޢިބްރަތް ޙާޞިލުކުރާށެވެ! މީހަކު އައިސް ތިބާގެ ޙަޔާތް ބަދަލުކުރަންދެން މަޑުނުކުރާށެވެ! ބަދަލުވުމަށް އިސްނަގާށެވެ! ޝަޚްޞިއްޔަތުގެ ގޮތުގައި ރަސޫލް (ޞޢވ) އާއި ޞަހާބީން ނަގާށެވެ!

މީސްތަކުންނޭވެ! މުސްލިމް ޤައުމުތަކަށް މިއަދު ކުރިމަތިވެފައިވާ ނިކަމެތި ޙާލަތާއިމެދު ވިސްނައި ފިކުރުކުރާށެވެ! ޙާލަތު ބަދަލުކުރެވޭނީ މީސްތަކުން ޙާލަތު ބަދަލުކުރަން މަސައްކަތްކުރުމުންނެވެ. ފަތިސް ނަމާދަށް ހޭލައި ފަތިސް ނަމާދުކުރަން ފަށައިގެންނެވެ. އަހަރެމެންގެ ކިބައިގައި ހުރި ނުރަނގަޅު ސިފަތައް ދޫކޮށްލައިގެންނެވެ. ﷲ ތަޢާލާއަށްޓަކައި ވަގުތުކޮޅެއް ހޭދަކޮށްގެންނެވެ. ދުނިޔޭގެ އަރާމުތަކުން ބައެއް ޤުރްބާންކޮށްގެންނެވެ. މިކަންކަން ނުކޮށް އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެއެވެ!

- "މަރސިފުލް ސަރވަންޓު"ގެ ދަރުސަކުން

ގުޅުން ހުރި ވީޑިއޯ:

 

 

 

 

 

 

 

މިއަދު އޮންލައިން