ކައިވެނީގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި މަޝްވަރާ ކުރުމަކީ ސުންނަތެއް! ޢަމަލުކުރީމާ ޙައްލު ފެންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކައިވެނީގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި މަޝްވަރާ ކުރުމަކީ ސުންނަތެއް! ޢަމަލުކުރީމާ ޙައްލު ފެންނާނެ!

މުޅި ދުނިޔެއަށް ބެލި ނަމަވެސް އެންމެ ގިނަ ބައަކު ޑިޕްރެޝަނަށް ދަނީ ކައިވެނީގެ މައްސަލަތަކުގައެވެ. ޙަޔާތުގެ ބައިވެރިޔާ އާއިއެކު ޖެހޭ މައްސަލަތަކުގައެވެ. އެހެންކަމުން އެކަމަށް އޮތް އެންމެ ރަނގަޅު ޙައްލަކާއިމެދު ވިސްނަން ޖެހޭނެއެވެ. 

މިގޮތުން ބަލައިފިނަމަ ކައިވެނީގެ މައްސަލަތައް ޙައްލުކުރަން އެންމެ މުހިންމު އެއް ކަމަކީ މަޝްވަރާކުރުމެވެ. ފުރަތަމަ ދެމަފިރިންގެ މެދުގައެވެ. އެއަށްފަހު ޢާއިލާގައެވެ. އެއަށްފަހު އެންމެ އިތުބާރު ކުރެވޭ އެންމެ ގާތް ރަޙްމަތްތެރިންނާއިއެވެ. 

ކައިވެނީގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި މަޝްވަރާ ކުރުމަކީ ސުންނަތެކެވެ. މުނާފިޤުން ފެތުރި ފިތުނައިގެ ސަބަބުން ޢާއިޝަތުގެފާނާއިމެދު ކުރިމަތިވެވަޑައިގެންނެވި މައްސަލަތައް ޙައްލުކުރައްވަވަން ރަސޫލް (ޞޢވ) މަޝްވަރާ ކުރެއްވެވިއެވެ. އެހެންކަމުން އެއޮތީ މަޝްވަރާ ކުރުމުގެ މުހިންމުކަން ފެނިގެން ގޮސްފައެވެ. 

މިހެން ބުނުމުން ފެންނަހައި މީހެއްގެ ގާތުގައި މައްސަލަތައް ކިޔައިދޭނީއެއް ނޫނެވެ. ކިޔައިދޭން ޖެހޭނީ މަޝްވަރާ ދެވޭވަރުގެ ތަޖުރިބާ ހުރި، ހެޔޮލަފާ މީހުންނަށެވެ. ނޫންނަމަ ކަންކަން ޙައްލުވުމުގެ ބަދަލުގައި ދާނީ ގޯހަށެވެ. 

ބައެއް މީހުން ކިރިޔާ މައްސަލައެއް ޖެހޭއިރަށް އެކަމެއް ލަނީ ސޯޝަލް މީޑިއާއަށެވެ. ދުނިޔެއަށް އިއުލާނުކުރަނީ އެވެ. އެގޮތަށް އެކަން ކުރުމަށްވުރެ "މިއުޅެނީ މައްސަލައެއް ޖެހިގެން" ކަމަމަށް ބުނެ ގޭގެ ފާރުގަ ލިޔެފަ ބެހެއްޓުންވެސް މާރަނގަޅުވާނެއެވެ. 

އިންސާނުންނަށް 3 ކަމެއް ބޭނުންވެއެވެ. އެއީ ކެއިން ބުއިމާއި، އަޅުކަންކުރުމާއި، ލޯބި ލިބުމެވެ. މިއިން އެއްވެސް ކަމެއް އުނިވެއްޖެ ނަމަ އެކަމުގެ އަސަރު ދެން ހުރި ކަންކަމަށް ކުރާނެއެވެ. 

ހިތާމައެއްގައި ހުރި މީހެއްގެ ގާތުގައި އޮޅިގެންވެސް އޭނާއަކީ ކެތްތެރިކަން ނެތް މީހެއް ކަމަށް ނުބުނާށެވެ! ކެތްތެރިކަނަ ކިތަންމެ ބޮޑު ނަމަވެސް ހިތާމައެއް ކުރިމަތިވެދާނެއެވެ. އެހެންވީމާ ފުރަތަމަ އޭނާގެ ހިތާމައިގައި ބައިވެރިވާށެވެ! އަދި ތަޤްވާވެރިކަމުގައި ސާބިތުވުމަށް ހިތްވަރުދީ ގިނަގިނައިން ދުޢާކުރަން ނަޞޭޙަތްދޭށެވެ!

 

- ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން