ނަން-އެލައިންޑް މޫވްމަންޓްގެ ޕްރިޕަރޭޓަރީ މިނިސްޓީރިއަލް މީޓީންގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ބައިވެރިވެވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ނަން-އެލައިންޑް މޫވްމަންޓްގެ ޕްރިޕަރޭޓަރީ މިނިސްޓީރިއަލް މީޓީންގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ބައިވެރިވެވަޑައިގެންފި
 

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ކުރިއަށްދާ ނައިން-އެލައިންޑް މޫވްމަންޓްގެ ޕްރިޕަރޭޓަރީ މިނިސްޓީރިއަލް މީޓީންގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ. 

މި ބައްދަލުވުމަކީ ނަން-އެލަންޑް މޫވްމަންޓްގައި ހިމެނޭ ޤައުމުތަކުގެ ވެރިންގެ 18 ވަނަ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ. ބާކޫގައި އޮންނަ މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވުމަށް މިމަހުގެ 24 ވަނަ ދުވަހު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަޒަރްބައިޖާނަށް ވަޑައިގަންނަވާނެއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން ސެކްރެޓަރީ ޣަފޫރު ވިދާޅުވީ ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މެމްބަރު ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުން މުހިއްމުކަމަށެވެ. އަދި ޤައުމުތަކާއި ގުޅިގެން މައްސަލަތަކަށް ހައްލު ހޯދުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށްވެސް ފޮރިން ސެކްރެޓަރީ ޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަތަކަކީ މުޅި ދުނިޔެއަށްވެސް އަދި ޚާއްސަކޮށް ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ޣަފޫރު ވިދާޅުވިއެވެ. އެހެންކަމުން ތިމާވެއްޓާއި ރައްޓެހި އިޤްތިޞާދަކަށް ބަދަލުވުމަށް ޤައުމުތަކުން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި ހަމައެއާއިއެކު، ޣަފޫރުގެ ވާހަކަފުޅުގައި، ފަލަސްތީނުގެ ރައްޔިތުން މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ދިވެހިރާއްޖެއިން ތާޢީދުކުރާކަން މި ބައްދަލުވުމުގައިވެސް ހާމަކުރެއްވިއެވެ.

މިއަދު އޮންލައިން