"ޕީއެސްއެމްގެ ލައިވް ޕްރޮގްރާމަކަށް ޝެއިހުން އެރުވުން ރައީސް އޮފީހުން މަނާކޮށްފި" ކަމަށް ބުނާ ޚަބަރު ސަރުކާރުން ދޮގުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
"ޕީއެސްއެމްގެ ލައިވް ޕްރޮގްރާމަކަށް ޝެއިހުން އެރުވުން ރައީސް އޮފީހުން މަނާކޮށްފި" ކަމަށް ބުނާ ޚަބަރު ސަރުކާރުން ދޮގުކޮށްފި

"ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ލައިވް ޕްރޮގްރާމަކަށް ޝެއިހުން އެރުވުން ރައީސް އޮފީހުން މަނާކޮށްފި" ކމަށް ބުނާ ޚަބަރު ޕީއެސްއެމް އާއި ރައީސް އޮފީހުން ދޮގުކޮށްފިއެވެ.

މިއަދުނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެސްއެމްގެ އެމްޑީ، ޢަލީ ޚާލިދު ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމްތަކަށް މިހާރުވެސް ޝައިޚުން ގެންދަވަނީ އަރައިވަޑައިގަންނަވަމުން ކަމަށާއި ރައީސް އޮފީހުން އެކަން މަނާކުރަން އެއްވެސް އެންގުމެއް އަންގާފައި ނުވާ ކަމަށެވެ.

ރައީސް އޮފީހުގެ އިސް ބޭފުޅަކު ވިދާޅުވީ ޕީއެސްއެމް ހިންގަނީ މަޖިލީހުން ޕީއެސްއެމް ހިންގަން ފާސްކޮށްފައި އޮތް ޤާނޫނެއްގެދަށުން ކަމަށާއި އެތަނުގެ ކަންކަން ނިންމަނީ އެތަނުގެ ބޯޑުން ކަމަށެވެ. ޕީއެސްއެމް އިން ވަކި ކަމެއް ވަކިގޮތަކަށް ކުރަން ރައީސް އޮފީހުން އަންގާފައި ނުވާނެ ކަމަށާއި އަދި އެފަދަ އެންގުމެއް ނުވެސް އަންގާނެ ކަމަށެވެ.

"ކުރީ ސަރުކާރުގަ ނޫންތޯ ޕީއެސްއެމަށް ނުފޫޒު ފޯރުވައިގެން ސަރުކާރުގެ ވެރިން އަރުވައިގެން ހުރިހާ ޕްރޮގްރާމަތްކެއް ހިންގީ. މި ސަރުކާރުން އެބާވަތުގެ އެއްވެސް ކަމެއް ނުކުރާކަން ޓީވީއެމްގެ ޕްރޮގްރާމްތައް ބަލާ މީހުންނަށް އެނގޭނެ." އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން