ހިތަށް ވެރިވެގަނެ ފާފަކުރަން ވަސްވާސްދޭ ޝައިޠާނާ ތޫނު ވަޅިއަކުން ކޮށައި ކުދިކުދިކޮށްލެވޭނެ ގޮތެއް ބޭނުން ހެއްޔެވެ؟: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
ހިތަށް ވެރިވެގަނެ ފާފަކުރަން ވަސްވާސްދޭ ޝައިޠާނާ ތޫނު ވަޅިއަކުން ކޮށައި ކުދިކުދިކޮށްލެވޭނެ ގޮތެއް ބޭނުން ހެއްޔެވެ؟: ޝައިޚް އަބޫބަކުރު ޒައުދު

އަބޫ ޒައްރު (ރޢ) އެއް ދުވަހަކު ރަސޫލް (ޞޢވ) އަރިއަހަށް ވަޑައިގެން ނަޞޭޙަތަކަށް އެދިވަޑައިގެންނެވިއެވެ. އެހިނދު ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "އެއްވެސް ފާފައެއް ކުރެއްވިއްޖެ ނަމަ ވިއްދައިގެން އަވަހަށް ހެޔޮ ކަމެއް ކުރައްވަވާށެވެ! (އެއީ ޤަޞްދުގައި ކުރެއްވެވުނު ފާފައެއް ނަމަވެސް މެއެވެ.)" 

މީސްތަކުންނޭވެ! ފާފައެއް ކުރެވުނު ނަމަވެސް އޮތީ ތައުބާވުމަށް އަވަސްވެގަތުމެވެ. ފާފައެއް ކުރެވެމުންދާ ވަގުތުގައި ނަމަވެސް މެއެވެ. މިފާފަކޮށް ނިންމާލުމަށްފަހު ތައުބާވާން މަޑުކުރުމަކީ އިސްލާމް ދީނުގައި އޮތް ގޮތެއް ނޫނެވެ. އެއީ އިސްލާމް ދީން ދަންނަ ގޮތެއްވެސް ނޫނެވެ. އިސްލާމް ދީން ދަންނަނީ އަވަހަށް ތައުބާވުމެވެ. 

މީސްތަކުންނޭވެ! ފާފަ ކުރެވެނީ އެކަމަށް އެމީހާގެ ހިތް އެދުމުންނެވެ. ވީމާ ފާފަކުރެވޭ ވަގުތު ހިތް އެވަނީ މަރުވެފައެވެ. ވީމާ ފާފަކުރެވެމުންދާ ވަގުތުގައިވެސް އެކަން ވިސްނިއްޖެނަމަ ތައުބާވުމަށް އަވަސްވެވގަންނާށެވެ!  މަރުވެފައިވާ ހިތަށް ދިރުން ގެނެސްދޭނެ އެއްޗަކީ ނުވަތަ ކަމަކީ ޛިކްރުކުރުމެވެ. އެހެން އެއްވެސް ކަމަކުން ހިތަށް އެއްވެސް ދިރުމެއް ނުލިބޭނެއެވެ. 

އެ ހިނދު އަބޫ ޒައްރު (ރޢ) ވަރަށް ކުޑަކުޑަ ސުވާލެއް ކުރެއްވެވިއެވެ. އެއީ "لَا إِلٰهَ إِلَّا ٱلله" ކިޔުމަކީ އަޅުކަމެއްތޯއެވެ؟" ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ ވަރަށް ބޮޑު ޖަވާބެކެވެ. "އެއަށްވުރެ މަތިވެރި ހެޔޮ އަމަލެއް ނުކުރެއްވެވޭނެ" ކަމަށެވެ. 

ވީމާ އަހަރެން އާދޭސްކޮށްފައި ބުނަމެވެ! ފާފައެއް ކުރެވިއްޖެ ނަމަ ތައުބާވެ އަވަހަށް "لَا إِلٰهَ إِلَّا ٱلله" ކިޔާށެވެ! އެއީ އެންމެ މަތިވެރި، އެންމެ ބާރު ލިބިގެންވާ ކަލިމައެވެ. ފާފައަކާއި ގުޅިގެން ތައުބާވެ "لَا إِلٰهَ إِلَّا ٱلله" ކިޔައިފިނަމަ ކުރެވުނު ފާފަ ގިރުވައިލާނެއެވެ. "لَا إِلٰهَ إِلَّا ٱلله" އެއީ ތޫނު ވަޅިއެއްފަދަ އެއްޗެކެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ އިޚްލާޞްތެރިކަމާއިއެކު ކިޔުމުން ހިތުގައިވާ ﷲ ނޫން ހުރިހާ އެއްޗެއް ކޮށައި ކުދިކުދިކޮށްލާނެއެވެ. 

އަދިވެސް މިސާލެއް ބުނާނަމެވެ. ފާފައެއް ކުރެވުމުން "لَا إِلٰهَ إِلَّا ٱلله" ކިޔުން ވާނީ ހޫނު އެއްޗަކުން ހޫނުކަން ކަނޑުވާލަން އައިސް އެޅުން ފަދަ ކަމަކަށެވެ. އެހެނީ ކޮންމެ ފާފައަކީ އެއިގެ ޒާތުގައިވެސް ހޫނު އެއްޗެކެވެ. ފާފަ ސިފަކުރައްވަވަމުން ރަސޫލް (ޞޢވ) ބަޔާންކުރައްވަވާފައިވަނީ ފާފައަކީ އަލިފާނުގެ ގޮތުގައެވެ. 

އެއްވެސް ފާފައެއް ކުރަން ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައެއް ނުވެއެވެ. ހުއްދަ ދެއްވަވާފައެއް ވެސް ނުވެއެވެ. ވީމާ ފާފައެއް ކުރާނަމަ އެކުރެވެނީ އެހެން ފަރާތެއްގެ ބާރުގައެވެ. އެހެން ފަރާތަކުން އެކަމަށް ތިބާ ޝައުޤުވެރިކުރުވުމުންނެވެ. ވީމާ ފާފަކުރަން ބުނެ ހިތްވަރުދީ ޝައުޤުވެރިކުރުވާ ފަރާތް ކޮށައި ކުދިކުދިކޮށްލަން އެބަޖެހެއެވެ. 

ވީމާ މިބުނެދިނީ އެކަމަށް އޮތް އެންމެ ރަނގަޅު މަގެވެ! މިބުނެދިނީ ހިތަށް ވެރިވެގަނެފައިވާ ޝައިޠާނާ އެންމެ ފަސޭހައިން ކޮށައި ކުދިކުދިކޮށްލެވޭނެ ގޮތާއި އެކަމަށް ބޭނުންވާ ހަތިޔާރެވެ! އިޚްލާޞްތެރިކަމާއިއެކު "لَا إِلٰهَ إِلَّا ٱلله" ކިޔުންމަތީގައި ދެމިހުންނަ މީހަކާ ޝައިޠާނާ އަށް ކައިރިވެސް ނުވެވޭނެއެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން