ރަސޫލް (ޞޢވ) ގެ މަގުޗާޓުގެ ފުރިހަމަކަން ދުނިޔެއަށް މިއަދު ސާބިތު!: ވައްހާޖް ޠަރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ރަސޫލް (ޞޢވ) ގެ މަގުޗާޓުގެ ފުރިހަމަކަން ދުނިޔެއަށް މިއަދު ސާބިތު!: ވައްހާޖް ޠަރިން

މާތް ﷲ އުފެއްދެވި މަޚްލޫޤުން ކުރެ އެންމެ މާތް ކުރެއްވެވީ އިންސާނުންނެވެ. އިންސާނުންގެ ތެރެއިން 124،000 ބޭކަލުން މާތް ކުރެއްވެވިއެވެ. އެއިގެ ތެރެއިން 5 ބޭކަލަކު އިތުރަށް މާތް ކުރެއްވެވިއެވެ. އެއިގެ ތެރެއިންވެސް ރަސޫލް (ޞޢވ) އެންމެ މަތިވެރި ކުރެއްވެވިއެވެ. މިއީ އެއްވެސް މީހަކަށް ދެކޮޅު ހެދެން ހުރި ކަންކަމެއް ނޫނެވެ.  

ރަސޫލް (ޞޢވ) ގެ މޫނުފުޅުގެ އުޖާލާކަން ނިކަން ދެކިބަލާށެވެ! ޢައިޝަތުގެފާނުގެ އަތްޕުޅުން އަނދިރީގައި ވެއްޓުނު ތިނޯހެއް ރަސޫލް (ޞޢވ) ގެ މޫނުފުޅުގެ އުޖާލާކަމުން ފެނިވަޑައިގެންނެވިއެވެ. 

ޞަޙާބީންގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި ރޭގަނޑުގެ ހަނދަށްވުރެ އިތުރު ސާހިބާ (ޞޢވ) ގެ މޫނުފުޅުގެ އުޖާލާކަން މާގަދައެވެ. ވީއިރު މީހަކު ކިތަންމެވަރަކަށް މަސައްކަތްކުރި ނަމަވެސް ރަސޫލް (ޞޢވ) ގެ ސިފަފުޅުގެ ފުރިހަމަކަން ބަޔާންކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއްވެސް މީހަކަށް އެކަމެއް ނުކުރެވޭނެއެވެ. 

އަމްރް ބުނުލްޢާޞް ރިވާ ކުރައްވަވާފައިވަނީ ރަސޫލް (ޞޢވ) ގެ މޫނުފުޅުގެ ފުރިހަމަކަމާއި ރިވެތިކަމާއި އުޖާލާކަމުން އިތުރުއެކަލޭގެފާނުގެ މޫނުފުޅަށް ބައްލަވަން އުނދަގޫފުޅު ކަމަށެވެ. 

މީސްތަކުންނޭވެ! ރަސޫލް (ޞޢވ)ގެ މޫނުފުޅުގެ އުޖާލާ ކަމާއި އެއްވަރަށް އިތުރު އެކަލޭގެފާނުގެ އަމަލުފުޅުތައްވެސް ވަނީ އުޖާލާވެގެންނެވެ. ޙަދީޘްފުޅުތައް ވެސް ވަނީ އުޖާލާވެގެންނެވެ. 

މީސްތަކުންނޭވެ! މުސްލިމުން އަމަލުކުރަންވީ ގޮތުގެ މަގުޗާޓް ރަސޫލް (ޞޢވ) ވަނީ ކުރައްސަވައި ދެއްވަވައިފައެވެ. އެ މަގުޗާޓުގައި ސާބިތުވެއްޖެ މީހަކަށް މަގު އޮޅިގެން ނުދާނެއެވެ. އެ މަގުޗާޓުގައި ވަނީ ހަމައެކަނި މި ދުނިޔޭގައި އުޅެންވީ ގޮތެއް ނޫނެވެ. އާޚިރަތް ބާއްޖަވެރިކުރަން ކުރަންޖެހޭ ކަންކަން ވެސް އެ މަގުޗާޓުގައި ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. 

އެ މަގުޗާޓަކީ ސައްތައިން ސައްތަ ޞައްޙަ މަގުޗާޓެއްކަން ޔަޤީންކުރަންޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން ވެސް އެންމެ ބޮޑު ޔަޤީން ކަމެއް ލިބެނީ ކީރިތި ޤުރްއާނުންނެވެ. ހަމަ އެއާއިއެކު އިންސާނުންގެ ލޯތަކަށް ފެންނަ ކަންކަމަށްވެސް އިތުބާރުކުރަން ޖެހޭނެއެވެ. "މިވެނިކަމެއް މިވެނި ގޮތަކަށް ވާނެ ކަމަށް" ރަސޫލް (ޞޢވ) މީގެ 1450 އަހަރުކުރިން ބަޔާން ކުރެއްވެވި އެއްވެސް ކަމެއް އެނޫން ގޮތަކަށްވެފައި އެބައޮތް ހެއްޔެވެ؟ މިވެނި ޞަހާބީއެއްގެ އަތްޕުޅު މައްޗަށް، ނުވަތަ މިވެނި ޚަލީފާއެއްގެ ޒަމާނުގައި މިވެނިކަމެއް ވާނެ ކަމަށް ރަސޫލް (ޞޢވ) ހަދީޘްފުޅު ކުރެއްވެވި އެއްވެސް ކަމެއް ޙަދީޘްފުޅު ކުރެއްވެވި ގޮތަށް ނުވެ އެބަ އޮތް ހެއްޔެވެ؟ 

ވީމާ އަހަރެމެންނަށް އޮތީ ރަސޫލް (ޞޢވ) ގެ ސުންނަތުގައި ފުރިހަމައަށް ހިފަހައްޓައި އަމަލުކުރުމެވެ. ޙަދީޘްފުޅުތައް އުނގެނި ޢަމަލުކުރުމެވެ. ދެއްވެވި އިރުޝާދުތައް ފުރިހަމައަށް ބަލައިގަތުމެވެ. އެއިރުން އެމީހެއްގެ ކަންކަން އަބަދުވެސް ދާނީ ކުރިއަރަމުންނެވެ. އާޚިރަތް ލިބެން އޮތީވެސް އެމަގުންނެވެ.

- އިމާމް ވައްހާޖް ޠަރިންގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން