މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކްސް ފައިސާ ދައްކާފައިނުވާތީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ކުރީގެ ރައީސް ފުއާދު ޒާހިރް ދެ މަހަށް ޖަލަށްލާން ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ހުކުމް ކޮށްފިއެވެ.
އެހުކުމުގައި ބުނެފައިވަނީ ޓެކްސް ފައިސާ ދެއްކުމަށް ފުއާދުގެ މައްޗަށް މީގެކުރިން ކޮށްފައިވާ ހުކުމާއި އެއްގޮތަށް އޭނާ ފައިސާ ދައްކަމުން ނުދާކަން މީރާއިން ކޯޓަށް ހުށަހެޅި ލިޔުންތަކާއި ދެ ފަރާތުން ދެއްކި ވާހަކަތަކުން ވެސް ޝަރީޢަތަށް ސާބިތުވާ ކަމަށެވެ.
ޓެކްސް ފައިސާ ނުދެއްކުމުގެ ކުށުގައި މީގެކުރިން ވެސް މީރާއިން ވަނީ ފުއާދަށް އަދަބު ދީފައެވެ. މީރާގެ އޮޑިޓަށް ދަތިކުރުމާއި ޓެކްސް އަށް މަކަރު ހެދުމުގެ ކުށުގައި އެންމެ ފުރަތަމަ އެއޮތޯރިޓީން ދައުވާ ކޮށްފައިވަނީ ވެސް ފުއާދުގެ މައްޗަށެވެ.