ސުވަރުގެ ލިބިގަންނަން އެންމެ ފަސޭހަގޮތް ހޯދަން ވަރަށް ގިނަ ބައަކު މަސައްކަތް ކުރެއެވެ. ސުވަރުގެ އެންމެ ފަސޭހައިން ލިބިގަންނަން ކުރަންވީ ކޮން ކަމެއްތޯ ވެސް ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންކަމުން މިބުނަނީ ޔަޤީންކަމާއިއެކު ސުވަރުގެ ވަދެވޭނެ އެންމެ ފަސޭހަ މަގެވެ. ނުވަތަ ގޮތެވެ!
"އިޚްލާޞް"ތެރިވާށެވެ! "އިޚްލާޞް" އެންމެ 4 އަކުރެވެ! މި 4 އަކުރުގައި ސާބިތުވެއްޖެ ނަމަ ސުވަރުގެ ލިބޭނެކަން އެއީ ހަމަ ޔަޤީންކަމެކެވެ. އިން ޝާ ﷲ!
އިޚްލާޞްތެރިވާންވީ އެންމެ ފުރަތަމަ ﷲ ތަޢާލާއަށެވެ. ދެން އެމީހެއްގެ އަނބިދަރިންނަށެވެ. ފިރިންނަށެވެ. މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށެވެ. މުޖުތަމައުގެ އެންމެންނަށެވެ. ކުރާ މަސައްކަތުގައެވެ.
"އިޚްލާޞް" ބަހެއްގެ ގޮތުން ކިތަންމެ ކުޑަ ނަމަވެސް އެންމެ 4 އަކުރު ނަމަވެސް އެބަސް ގުޅިފައިވަނީ ކޮންމެ މީހެއްގެވެސް މުޅި ދިރިއުޅުމާއިއެވެ. ދިރިއުޅުމުގައި ކުރާ ހުރިހާ ކަމަކާއިއެވެ. ކުރާ ހުރިހާ ޢަމަލަކާއި އެވެ. ދުލުން ބޭރުކުރާ ހުރިހާ ބަސްތަކާއިއެވެ.
ދުނިޔެ މިއަދު ފަސާދަވެގެން މިދަނީ އިޚްލާސްތެރިކަމެއް ނެތުމުންނެވެ. އިޚްލާޞްތެރިން މަދުވުމުންނެވެ. ވީމާ ސުވަރުގެ އެދޭ މީހާއަށް ކުރަން އެންމެ މުހިންމު ކަމަކީ އިޚްލާޞްތެރިއަކަށްވުމެވެ. ކުރިން ބުނިފަދައިން އިޚްލާޞްތެރި ވެވިއްޖެ ނަމަ ސުވަރުގެ ޔަޤީނެވެ! އިން ޝާ ﷲ!
އިޚްލާޞްތެރިއަކަށް ވެވޭނީ އެމިހާގެ ހިތް ޠޯހިރުކޮށްގެންނެވެ. ހިތް ޠޯހިރު ކުރެވިގެން ނޫނީ ނަފްސް ޠޯހިރެއް ނުކުރެވޭނެއެވެ. ނަފްޞް ޠޯހިރުކޮށްގެން ނޫނީ ނަރަކައިން ސަލާމަތް ނުވެވިދާނެއެވެ! އެއީ ބިރުހުރި ކަމެކެވެ.
ގިނަ ބައަކު ޝަހާދަތް ކިޔައެވެ. ޝަހާދަތްކިޔާ ގިނަ ބައަކަށް ނަރަކައަށްވެސް ވަންނަން ޖެހެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އިޚްލާޞްތެރިކަމާއިއެކު ޝަހާދަތް ނުކިޔޭތީއެވެ. އިޚްލާޞްތެރިކަމާއިއެކު ޝަހާދަތް ކިޔުމަކީ ޝަހާދަތަށް އަމަލު ކުރުމެވެ. ޝަހާދަތަށް އަމަލު ނުކުރެވެނީ އިޚްލާޞްތެރިކަމާއިއެކުގައި ނުކިޔާތީއެވެ.
ހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް މަގުގައި ހުރި ގަހެއް ނުވަތަ ގަހުގެ އޮފިގަނޑެއް ކަނޑައިލި މީހަކު އެކަމުގެ ސަބަބުން ﷲ ތަޢާލާ ސުވަރުގެ ވައްދަވަތެވެ. އެއީ އޭނާގެ އަމަލުގައި އިޚްލާޞްތެރިކަން ހުރީތީއެވެ.
1000 ފަޤީރުންނަށް ކާންދިން ނަމަވެސް ސުވަރުގެ ނުވަދެވިދާނެއެވެ. އިޚްލާޞްތެރިކަމެއް ނެތި އެކަން ކޮށްފިނަމައެވެ. އެންމެ މީހަކަށް ނަމަވެސް އިޚްލާޞްތެރި ކަމާއިއެކު ކާންދީފިނަމަ ސުވަރުގެ ވައްދަވައިފާނެކަމަށް އުންމީދުކުރެވިދާނެއެވެ. އެކަމުގެ ދަލީލަކީ އިޚްލާޞްތެރިކަމާއިއެކު ކުއްތާއަކަށް ފެންދިން އަންހެނަކު ސުވަރުގެ ވެއްދެވިކަން އެނގެން އޮތުމެވެ. ވީމާ ކުރާ ކޮންމެ ކަމެއްގައިވެސް އިޚްލާޞްތެރިވާށެވެ. ޖަޒާއެއްގެ ގޮތުން އެމީހަކަށް ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން