2020 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބަޖެޓަކީ 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ 2020 އާއި 2022 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނުގައިވާ ގޮތުން، އަންނަ އަހަރަށް އަންދާޒާކޮށްފައި ވަނީ 39.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޖުމްލަ ހަރަދަކީ 37 ބިލިއަން ރުފިޔާ އެވެ.
މި ބަޖެޓުގައި ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 6.5 ޕަސެންޓުގައި ހިފެހެއްޓޭއިރު، އަލަށް ފަށާ މަޝްރޫއުތަކަށް 5.5 ބިލިއަން ރުފިޔާގެ "ފިސްކަލް ސްޕޭސް" ލިބިގެންދާނެ ކަމަށް ބުނެފައިވެ އެވެ.
އަންނަ އަހަރަށް 39 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ތައްޔާރުވާއިރު، މި އަހަރަށް ހަރަދު ކުރަމުން ގެންދަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.