ޢަމަލުތައް ސީދާ ކުރުމަށްފަހު މިދުޢާކޮށްފިނަމަ އިޖާބަ ކުރައްވަވާނެތެވެ!: އިން ޝާ ﷲ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ޢަމަލުތައް ސީދާ ކުރުމަށްފަހު މިދުޢާކޮށްފިނަމަ އިޖާބަ ކުރައްވަވާނެތެވެ!: އިން ޝާ ﷲ.

ﷲ ތަޢާލާއަށް ވަކީލު ކުރާށޭ ބުނެވިއްޖެނަމަ ގިނަ ބައަކަށް ބުނެވެނީ އަބަދުވެސް ތިމަންނަމެން މިތިބެނީ ﷲ ތަޢާލާއަށް ވަކީލުކޮށްގެން ކަމަށެވެ. ސުވާލަކީ ހަމަ އިޚްލާޞްތެރިކަމާއިއެކުގައި ހެއްޔެވެ؟ އިޚްލާޞްތެރިކަމާއިއެކުގައި ވަކީލުކޮށް ﷲ ތަޢާލާއަށް ދުޢާކޮށްފިނަމަ އެ ދުޢާ އިޖާބަކުރައްވަވާނެކަން އެއީ ހަމަ ޔަޤީން ކަމެކެވެ. އިން ޝާ ﷲ! 

حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ

މިއީ އިބްރާހިމްގެފާނު އަލިފާންގަނޑަށް އެއްލައިލުމުގެ ކުރިން ކުރެއްވެވި ދުޢާއެވެ. ރަސޫލް (ޞޢވ) ވެސް އެންމެ ގިނައިން ކުރެއްވެވި އެއް ދުޢާއެވެ. ހުރިހާ މުސްލިމުންވެސް މިދުޢާ ހިތުދަސްވާނެއެވެ. ނަމަވެސް ހިތާމައަކީ މި ދުޢާ ނުކުރެވޭ ކަމެވެ. މި ދުޢާ ކުރަންވީ ހަމައެކަނި މުޞީބާތެއް ކުރިމަތިވުމަކުން ނޫނެވެ. އަބަދުވެސް ތިބެންވީ މި ދުޢާކުރުންމަތީގައެވެ. 

މި ދުޢާ ކުރުމުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ކަމަކީ ދުލުން ކިޔައިލުމުގެ އިތުރަށް ދުޢާގައި ހިމެނޭ މާނަ ހިތުން ފުރިހަމައަށް ޤަބޫލުކުރުމަށެވެ. މާނަ ހިތުން ފުރިހަމައަށް ޤަބޫލުކޮށްފިނަމަ އެމީހަކަށް ނުވަތަ އެބައަކަށް ކުރިމަތިވެފައިވާ މުޞީބާތުން ﷲ ތަޢާލާ ސަލާމަތްކޮސްދެއްވަވާނެތެވެ! އިން ޝާ ﷲ! 

"މިއަޅާގެ ހުރިހާ ކަމެއް ﷲ ތައާލާ އަށް ވަކީލްކޮށްފިން" ކަމަށް ބުނާއިރު އަމަލުން އެކަން ދެއްކެން ޖެހޭނެއެވެ. ޢަމަލުތައް ހުންނަން ޖެހޭނީ ﷲ ތަޢާލާ އެންގެވި ގޮތުގައެވެ. ތެދުވެރިކަމާއިއެކުގައެވެ. ދުޢާގެ ފައިދާ ޙާޞިލުކުރެވޭނީ އެއިރުންނެވެ. 

"ހަސްބިﷲ" ބުނުމުން އެއިގެ މާނައަކީ ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކާއިމެދު ތިމާގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމެވެ. ﷲ ތަޢާލާ ނޫން އެހެން އެއްވެސް ފަރާތަކުން ތިމާ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާކަމެވެ. ތިމާގެ ހުރިހާ ކަމެއް ވަކީލު ކުރަނީ ﷲ ތަޢާލާއަށް ކަމެވެ. 

މިފަދަ ސާބިތުކަމެއް އެމީހާއަށް ލިބޭނީ އެމިހާގެ އަމަލުތައް ވަރަށް ބޮޑަށް ސާބިތުކޮށްގެންނެވެ. ވީމާ ދުޢާ އިޖާބަ ކުރެއްވެވުމަށް އެދޭނަމަ އެންމެ މުހިންމު ކަމަކަށް ކުރަން ޖެހޭ ކަމަކީ ތިމާގެ އަމަލުތައް ސީދާ ކުރުމެވެ. 

މިދުޢާކުރަންވީ ކޮންމެހެން ބޮޑު މުޞީބާތެއް ފަދަ ކަމެއް މެދުވެރިވުމަކުން ނޫނެވެ. އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމާއި ގުޅިގެންވެސް މިދުޢާކުރާށެވެ! ކިތަންމެ ކުޑަ ކަމެއް ނަމަވެސް އަދި ބޮޑުކަމެއް ނަމަވެސް ޙާޞިލުވުން އޮތީ އެކަމެއް ﷲ ތަޢާލާ ހިންމަވައި ދެއްވެވުމުންނެވެ. އަހަރެމެންނަށް ކުރަން ޖެހޭ ކަމަކީ ކޮންމެ ވަގުތަކުވެސް މިދުޢާ ކުރެވޭނެ ޙާލަތަށް ތައްޔާރުވެ ޢަމަލުތައް ސީދާކޮށްގެން ތިބުމެވެ. 

- ޝައިޚް ޔާސިރް ޤަދީގެ ދަރުސަކުން

 

 

މިއަދު އޮންލައިން