ނަމާދުގަ ޚުޝޫޢަތްތެރިވާން ކުރާ މަސައްކަތަށްވެސް ސަވާބު ދެއްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ނަމާދުގަ ޚުޝޫޢަތްތެރިވާން ކުރާ މަސައްކަތަށްވެސް ސަވާބު ދެއްވަވާނެ!: މުފްތީ މެންކް

އިންސާނާ ކުރާ ކޮންމެ އަމަލެއް ﷲ ތަޢާލާ އެންމެ މޮޅަށް ދެކެދެނެވޮޑިގެންވެއެވެ. ނަމާދަށް މީހާ ހުއްޓުނީންސުރެ އެމީހަކަށް ސަމާލުކަން އިތުރުކުރައްވަވަތެވެ. ވީމާ ނަމާދުކުރަން ހުންނައިރު އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. 

ނަމާދުގައި ޚުޝޫޢަތްތެރިވާ މިންވަރު ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އަދި ޚުޝޫޢަތްތެރިވާން މީހާ ކުރާ މަސައްކަތްވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ޚުޝޫޢަތްތެރިވާ މިންވަރަށާއި ޚުޝޫޢަތްތެރިވާން ކުރާ މަސައްކަތަށްވެސް ސަވާބު ދެއްވަވަތެވެ. 

ކުރާ ކޮންމެ ނަމާދަކީވެސް ތިމާއަށް ކުރެވޭ އެންމެ ފަހު ނަމާދުކަމުގައި ވެދާނެ ކަމަށް ބަލައިގެން އެކަމަށް ސަމާލުކަން ދީގެން ކޮންމެ ނަމާދެއްވެސް ކުރަންޖެހެނީ އެކަން އެގޮތަށް މެދުވެރިވެދާނެތީއެވެ. އެކަން އެގޮތަށް މެދުވެރިވަމުންދާތީ އާއި ދާނެތީއެވެ. 

ބައެއް މީހުން މަޣްރިބް ނަމާދުގައި ވަރަށް ފަރުވާ ކުޑަކުރެއެވެ. ޢިޝާ ނަމާދުގައި ފަރުވާތެރިވާން ހިތުގައި ބާއްވައިގެންނެވެ. ނަމަވެސް ވިސްނައިލާށެވެ! މަޣްރިބް ނަމާދަށްފަހު ޢިޝާ ނަމާދު ވަގުތު ނުވަނީސް މަރުވަނީ ކިތައް މީހުން ހެއްޔެވެ؟ ވީމާ ހުރިހާ ނަމާދުތަކަކީވެސް އެމީހަކަށް ކުރެވޭ އެންމެ ފަހު ނަމާދު ކަމުގައި ވެދާނެކަމުގެ ބިރުވެރިކަން ހިތުގައި ބާއްވާށެވެ! 

ކޮންމެ އަމަލެއްވެސް ހެޔޮ އަމަލަކަށްވެގެންދަނީ އިޚްލާޞްތެރިވުމުންނެވެ. އިޚްލާޞްތެރިކަމާއިއެކު އެކަމެއް ކުރުމުންނެވެ. ނަމާދެއް ކޮށް ނިންމައިލެވޭއިރު ޝައިޠާނާ އާއިއެކުގައި ވިސްނުން ބަހައްޓައިގެން ކުރުމުން އޮތީ ކޮން އިޚްލާޞްތެރިކަމެއް ހެއްޔެވެ؟ މިހެން ބުނުމުން ތިމަންނާ ޝައިޠާނާ އާއިމެދުގައި ނުވިސްނާ ކަމަށް ބުނެފާނެއެވެ. ނަމާދުގައި ހުރެ ނަމާދުން ބޭރު ކަންކަމަށް ވިސްނުމުން އެކުރެވޭ ކަމަކީ ޝައިޠާނާގެ ވަސްވާސްތަކަށް ތަބަޢަވުމެވެ. ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލި ޣާފިލްވުމެވެ. އެހާލަތުގައި ހުރެ ކުރާ ނަމާދަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ނަމާދެއް މިކުރެވެނީ ވަރަށް ބުރަ މަސައްކަތުންނެވެ. އެތައް ވަގުތެއްވެސް ހޭދަކޮށްގެންނެވެ. އެވަރުން ކުރާ ނަމާދަކީ ތިމާއަށް ފައިދާކުރާނެ، ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ނަމާދަކަށް ވެއްޖެ ނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ވީމާ ނަމާދަށް ފެށީންސުރެ ނަމާދުގެ ތެރޭގައި ރަނގަޅަށް ހިތާއި ސިކުނޑި ބާއްވައިގެން ނަމާދުކުރާށެވެ! މާނައަކީ ނަމާދަށް ދޭން ޖެހޭ ސަމާލުކަން ދީގެން ނަމާދުކުރާށެވެ! ޚުޝޫޢަތެރިކަމާއިއެކު ނަމާދުކުރާށެވެ! ނަމާދުގެ ފައިދާ ލިބޭނީ އެއިރުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން