ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް ދޫކޮށް އެހެން ގޮތަކަށް ޙުކުމް ކުރުމަކީ ﷲ ތައާލާ އެންގެވި ގޮތަށް ފުރަގަސް ދިނުމެވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތައް ދޫކޮށްލައި އިންސާނުން އަމިއްލައަށް އުފައްދާ ޤާނޫނުތަކަށް ޙުކުމް ކުރުމަކީ ﷲ ތަޢާލާ ނޫން ފަރާތަކަށް އަޅުކަންކުރުން ފަދަ ކަމެކެވެ. އަދި ﷲ ތަޢާލާ ބަޔާންކުރައްވަވާފައިވަނީ އެކަމަކީ ﷲ ތަޢާލާއަށް ޝަރީކުރުކުރުން ފަދަ ކަމެއް ކަމަށެވެ. މީގެ އިތުރުން ޙުކުމް ކުރުމުގައި ﷲ ތަޢާލާ ނޫން ފަރާތަކަށް ތަބަޢަވެ ޙުކުމް ނުކުރުމަށް ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ.
ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމަށް ރުހި އަމަލުކުރުމަށްވެސް ﷲ ތައާލާ ވަނީ އަނގަވައިފައެވެ.
އިންސާނާގެ ޙަޔާތުގައި މެދުވެރިވާ ކޮންމެ ކަމެއްގައިވެސް ރުޖޫޢަވާން ޖެހޭނީ ކީރިތި ޤުރްއާނަށާއި ރަސޫލް (ޞޢވ)ގެ ސުންނަތަށެވެ. އެނޫން ގޮތެއް ހޯދަން އުޅެގެން އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެއެވެ.
އިސްލާމީ މުޖުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީވެސް އެއީއެވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތައް ދޫކޮށް އެހެން ގޮތަކަށް ކަންކަން ކުރުމަކީ މާ މަޞްލަޙަތު ހުރި ގޮތެއް ކަމަށް ޤަބޫލުކުރެވުމެވެ. ނަމަވެސް ﷲ ތަޢާލާ އަނގަވާފައިވަނީ އެއްވެސް ކަމެއްގައި ޚިޔާލުތަފާތުވެއްޖެނަމަ ކީރިތި ޤުރްއާނަށާއި ރަސޫލް (ޞޢވ) ގެ ސުންނަތަށް ބަލައި ފެންނަން އޮތް ގޮތަށް ޢަމަލުކުރުމަށެވެ.
ރަސޫލް (ޞޢވ) އަށް ނިޞްބަތް ކުރައްވައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ "ހަމަޔަޤީނުންވެސް ކަލޭގެފާނުގެ ވެރި ރައްބު ގަންދެއްވައި ވަހީކުރައްވަމޭ އެބައިމީހުން އީމާންވީ ކަމުގައި ނުވެއޭ އެބައިމީހުންގެ މެދުގައި އުފެދޭ ކޮންމެ ކަމެއްގަ ކަލޭގެފާނަކީ ތީ އެބައިމީހުންގެ މެދުގައި ޙުކުމް ކުރާ ފަރާތްކަމުގައި ހަދައިފުމަށް ދާންދެން. ކަލޭގެފާނު ޙުކުމް ކުރައްވަވާ ގޮތަކާއިމެދު އެބައިމީހުންގެ ހިތުގައި އެއްވެސް ނުރުހުމެއް ނެތި ކަލޭގެފާނަށް ފުރިހަމައަށް ކިޔަމަން ވެއްޖައުމަށް ދާންދެން އެބައިމީހުން އީމާންވީ ކަމުގައި ނުވެއެވެ.
- ޝައިޚް ފަޒްލޫން މުޙައްމަދު ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދު ދެއްވި ދަރުސުން
ދަރުސްގެ ވީޑިއޯ: