ކައިވެނި ރޫޅައިލުމުގެ ކުރިން ވިސްނަން ޖެހޭ ވަރަށް މުހިންމު ކަންކަން އެބަހުރި.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ކައިވެނި ރޫޅައިލުމުގެ ކުރިން ވިސްނަން ޖެހޭ ވަރަށް މުހިންމު ކަންކަން އެބަހުރި.

ޙަޔާތުގެ ބައިވެރިޔާ އިޚްތިޔާރުކުރަނީ އަމިއްލައަށެވެ. ދިރިއުޅެމުންދަނިކޮށް މައްސަލަތަކެއް ކުރިމަތިވީއެވެ. ސުވާލަކީ މައްސަލައެއް ކުރިމަތިވާއިރަށް ކައިވެނި ރޫޅައިލަންވީ ހެއްޔެވެ؟ ނޫނީ މައްސަލައަށް ޙައްލެއް ފެނޭތޯ މަސައްކަތްކުރަންވީ ހެއްޔެވެ؟  

ރަނގަޅަށް ވިސްނާށެވެ! ކައިވެނި ރޫޅައިލުން އެއީ އެންމެ ފަސޭހައިން ކުރެވިދާނެ ކަންތަކެވެ. ދުލުން ބުނެލާ ބަހަކުން އެކަން ނިންމައިލެވިދާނެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ އެއީ އެންމެ ނުރައްކަތެރިގޮތެވެ. އެންމެ ގެއްލުން ބޮޑު ވެސް ގޮތެވެ.  

ވަރަށް ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ދެމަފިރިންގެ ޙަޔާތަށް އައީ ކުރިއެރުން ލިބެމުންނެވެ. ތަނަވަސްކަން ލިބެމުންނެވެ. އުފާ ފާފަގަތިކަންވެސް ލިބެމުންނެވެ. އެ ނިޢްމަތްތައް ލިބެމުން އައީ ކާކުގެ ސަބަބުންކަން އެނގެނީ ކިހިނެއްހެއްޔެވެ؟ ނުވަތަ ދެމަފިރިން އެކުގައި ލޯބިން އުޅޭތީ ނޫންކަން އެނގެނީ ކިހިނެއްހެއްޔެވެ؟  

އެހެންކަމަށްވާއިރު ވިސްނަން ޖެހޭ މިންވަރަށް ނުވިސްނައި، ދެމަފިރިން އެކުގައި ދިރިއުޅެން މަސައްކަތްކުރަން ޖެހޭ ވަރަށް މަސައްކަތް ނުކޮށް ކައިވެނި ރޫޅާލައިފިނަމަ ﷲ ތަޢާލާ ލެއްވެވި ބަރަކާތް ކެނޑިގެން ނުދާނެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ ﷲ ތަޢާލާގެ ރަޙްމަތްފުޅަށް އަމިއްލައަށް ފުރަގަސްދީފި ނަމަ ދެން ކަންކަން ވާނެ ގޮތް އެނގެނީ ކާކަށް ހެއްޔެވެ؟  

ކަންކަން މިފަދައިން ހުރުމުން ކައިވެނި ރޫޅައިލަން ޖެހޭނީ ކައިވެނި ދަމަހައްޓަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްފަހު އެހެން އެއްވެސް ގޮތެއް ނެތުމުންނެވެ. ނޫން ނަމަ ކައިވެނި ރޫޅައިލުމަކީ ކުރަން އެންމެ ފަސޭހަ ކަންތައް ނަމަވެސް އެކަމަކީ ތިމާގެ ޙަޔާތަށް އަމިއްލައަށް ކުރިމަތިކުރުވޭ އެންމެ ބޮޑު މުޞީބާތަށްވެސް ވެގެން ހިނގައިދާނެއެވެ. އެކަމަށް ބިރުވެތިވެވިއްޖެ ނަމަ ކައިވެނި ރޫޅައިލަން ނުޖެހި ސަލާމަތްކުރެވޭ ކައިވެނީގެ އަދަދު އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ!  

ޙަޔާތުގެ ހުރިހާ ދުވަހަކީ އެންމެ ހިތް އެދޭ ގޮތަށް ހުރިހާ ކަންކަން ހުންނާނެ ދުވަސް ނަމަ ކަނޑު ގަދަ ދުވަހެއް ނުއަންނާނެއެވެ. ހުރިހާ ދުވަހެއްވެސް ވާނީ ކަނޑުމަޑު އޮމާން ދުވަހަކަށެވެ. އެކަން އެހެން ނުވަނީ ހަޔާތުގައިވެސް ތަފާތު ދުވަސްތައް ކުރިމަތިވާނެތީއެވެ.  

ދަތުރަކަށް ފަށައިގެން އުޅެނިކޮށް ކަނޑުގަދަވެލައިފިނަމަ އަވަހަށް ނަގިލި ލަނީ ހެއްޔެވެ؟ ނޫނީ އަނބުރައި ކޮޅަށް ދަނީ ހެއްޔެވެ؟ ނޫނީ މިއިން ގޮތެއް ނިންމަނީ ދަތުރުކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށްފަހުގައި ހެއްޔެވެ؟ ވިސްނައިލާށެވެ! ދިރިއުޅުމަކީވެސް ހަމަ މިފަދަ ކަމެކެވެ. ﷲ ތަޢާލާ ކޮންމެ ދުވަހަކު ލޯތަކަށް ދައްކަވާ މިފަދަ މިސާލުތަކުން ޢިބްރަތް ޙާޞިލުކުރާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން