މިސްކީނުންނަށް ކާން ދިނުމަށް ބާރު ނޭޅުމަކީ ވެސް 70 މުށުގެ ހިލިހިލާއިން ހިލިހިލާޖެހި ނަރަކައަށް ވަންނަން ޖެހިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
މިސްކީނުންނަށް ކާން ދިނުމަށް ބާރު ނޭޅުމަކީ ވެސް 70 މުށުގެ ހިލިހިލާއިން ހިލިހިލާޖެހި ނަރަކައަށް ވަންނަން ޖެހިދާނެ ކަމެއް!

މީސްތަކުންނޭވެ! އެހެން މީހުންނަށް ހެޔޮ ފޯރުވައި އުޅޭށެވެ! މިސްކީނުންނަށް ކާން ދީ އެހީތެރިވާށެވެ! އަދި އެފަދަ ކަންކަމަށް ވާގިދޭ މީހަކު ކަމުގައިވާށެވެ! ނަރަކައިން ސަލާމަތްވުމަށްޓަކައެވެ. 

މިއީ އަހުރެން ބުނާ ވާހަކައަކަށް ނުހަދައި ކީރިތި ޤުރްއާނުގެ މިއާޔަތްތައް ކިޔައި ވިސްނައިލާށެވެ! 

"(ޒަބާނިއްޔަމާއިކަތުންނަށް ﷲ އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ!"

"ދެން އޭނާ ނަރަކައަށް ވައްދާށެވެ!"

"ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ!"

(އަލްޙާއްޤަ: 30،31،32)

އެއީ ކީއްވެގެން ހެއްޔެވެ؟ ސަމާލުކަންދީގެން ސަބަބާއިމެދު ވިސްނައިލާށެވެ! 

"ހަމަކަށަވަރުން، އޭނާ މާތް اللَّه އަށް އީމާން ވާކަމުގައެއް ނުވެއެވެ."

"އަދި މިސްކީނުންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާކަމުގައެއް ނުވެއެވެ."

"ފަހެ، މިއަދު މިތާކު އޭނާއަކަށް ރަހްމަތްތެރިއަކު ނުވެއެވެ."

"އަދި غسلين މެނުވީ (އެބަހީ: ނަރަކައިގެ އަހުލުވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާއަކަށް ކާއެއްޗެއް ނުވެއެވެ."

"ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ."

(އަލްޙާއްޤަ: 33،34،35،36،37)

 

ދެން އިތުރަށް ބޭނުންވަނީ ކޮން ދަލީލެއް ހެއްޔެވެ؟ 

"ޤިޔާމަތް ދުވަހެވެ. ދުނިޔޭގައި ތިބާ ކުޅަ އަމަލުތަކުގެ ސަބަބުން ޖެހުނީ ނަރަކައަށް ދާށެވެ! މަލާއިކަތުން ތިބާ ނަރަކައިގެ ހޫނުމިން އިތުރަށް ގަދަވާނެ ފޭރާމުން ފޭރާން ލައްވަވައި ތިބާ ޗޭނު ޖައްސަވައި މޫނުވަތަށް ނަރަކައަށް އެއްލަވައި ލައްވަވަން އުޅުއްވަވާ ވަގުތު އެ ނަރަކައިގައި "ރައްކައުތެރިކަމާ ސަލާމަތްކަމެއް ނެތް"ކަމަށް ބުނެ ނަރަކައަށް ނުވަދެ މަޑު ޖައްސައި ލެވޭނެ ހެއްޔެވެ؟ 

އެއީ ނުކުރެވޭނެ ކަމެއް ކަމަށްވާނަމަ މިއަދު ގަދައަޅައި މަސައްކަތް ކުރަންވީ ނަރަކައިން ސަލާމަތްވުމަށެވެ. ތިމާ ފަދައިން ތިމާގެ އަނބިދަރިންނާއި ޢާއިލާގެ މީހުންނާއި އެންމެހައި މީސްތަކުން ނަރަކައިން ސަލާމަތް ކުރުމަށެވެ. އެ ފުރުޞަތު މިއަދު ކޮންމެ މީހަކަށްވެސް އެބައޮތެވެ. އެކަން ކުރުމުގެ އިޚްތިޔާރު މީސްތަކުންނަށް ވަނީ ދެއްވަވައިފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން