އުޒުރެއް ނުދެއްކޭނެ! ފަތިސް ނަމާދު އެޅުމުގެ ފާފަ ކުރަނީ ފަތިހަކު ނޫން! އެއީ ޤަޞްދުގައި ދަންވަރު ކުރާ ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އުޒުރެއް ނުދެއްކޭނެ! ފަތިސް ނަމާދު އެޅުމުގެ ފާފަ ކުރަނީ ފަތިހަކު ނޫން! އެއީ ޤަޞްދުގައި ދަންވަރު ކުރާ ބޮޑު ފާފައެއް!

ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ ފަތިސް ނަމާދަށް ނުހޭލެވި އަދި ފަތިސް ނަމާދުގެ ވަގުތުގައި ނުކުރެވުމަކީ ފަތިހު ކުރެވޭ ފާފައެއް ކަމަށެވެ. އެއީ އެއްވެސް ޙާލެއްގައި ރަނގަޅު ވިސްނުމެއް ނޫނެވެ. ފަތިސް ނަމާދު އެޅުމުގެ ފާފަ ކުރަނީ ފަތިހަކު ނޫނެވެ! އެއީ ޤަޞްދުގައި ރޭގަނޑު ދަންވަރު ހޭލައި ހަމަހޭގައި ހުރެ ކުރާ ބޮޑު ފާފައެކެވެ! 

އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ ފަތިހު ނުހޭލެވެނީ ނިދަންވާ ގަޑީގައި ނުނިދައި ހޭލާ ހުންނާތީއެވެ. ދުނިޔަވީ އުފާތަކަށާއި ބޭނުންތަކަށް ނިދަން ޖެހޭ ވަގުތުތައް ހޭދަކުރާތީއެވެ. އެކަން ކުރަނީ ހަމަހޭގައި ހޭލާހުރެ ދަންވަރު ނޫން ހެއްޔެވެ؟ ވީމާ ފަތިހު ނުހޭލެވުމުގެ ބޮޑު ފާފަ އެކުރެވެނީ ރޭގަނޑު ދަންވަރުއެވެ. އަދި އެ ބޮޑުފާފައަކީ ކޮންމެ މީހަކުވެސް ހަމަ ޤަޞްދުގައި ކުރާ ބޮޑު ފާފައެކެވެ. ދިރިއުޅުމަށް ކުރަން ޖެހޭ މަސައްކަތެއްގެ ގޮތުން ފަދަ ކޮންމެހެން ހޭލައި ހުންނަން ޖެހޭ މީހުން ފިޔަވައެވެ.

މީސްތަކުންނޭވެ! އެމީހަކު ނުނިދައި ހޭލައި ހުރުމުގެ ސަބަބުން ފަތިހު ނުހޭލެވިއްޖެ ނަމަ އެކަންވާނީ ޤަޞްދުގައި ނަމާދު އެޅުން ކަމަށެވެ. ޤަޞްދުގައި ނަމާދު އެޅުމަކީ ބޮޑުވެގެންވާ ފާފައެކެވެ. 

ހެނދުނު 9 ޖަހާއިރު ހޭލެވުމުން އަހަރެން ޤަޞްދުގައި ފަތިސް ނަމާދަށް ނުހޭލީ ނޫން ކަމަށް ބުނެ އުޒުރު ދައްކަން ނުއުޅޭށެވެ! ދެއްކޭނެ އެއްވެސް އުޒުރެއް މިކަމުގައި ނެތެވެ.  

ވަގުތުގެ ވާހަކަ ނުދައްކާށެވެ! ދުވާލަކު ފޯނަށާއި ކޮފީއަށާއި އެހެންވެސް ބޭކާރު ކަންކަމުގައި 5،6 ގަޑިއިރުވެސް ހޭދަކުރެވެއެވެ. ވީމާ މަސައްކަތް ބުރަވުމުގެ ވާހަކަ ދައްކައިގެން އެކަން އުޒުރަކަށް ދައްކަން މަސައްކަތް ނުކުރާށެވެ! 

ބައެއް މީހުން ނުނިދައި ހޭލައި ތިބެގެން އިބިލީހުގެ ނުބައި ވާހަކަ އެބަ ދައްކައެވެ. ދައްޖާލުގެ ނުބައި ވާހަކަ އެބަ ދައްކައެވެ. އެއީ ހޭލައި ތިބެގެން ކީއްކުރަން ދައްކާ ވާހަކަތަކެއް ހެއްޔެވެ؟ ފުރަތަމަ ކަމަކަށް މަސައްކަތް ކުރަންވީ ފަތިސް ނަމާދަށް ހޭލައި ޖަމާޢަތުގައި ނަމާދުކުރަން ނޫންހެއްޔެވެ؟ މިބުނި ޒާތުގެ ވާހަކަތައް ދެއްކުމުން ތިމާ ޤަޞްދުގައި ނަމާދު އެޅުމުގެ ފާފައިން ސަލާމަތްވާނެ ހެއްޔެވެ؟ ފަތިސް ނަމާދު ކުރިކަމަށް މަލާއިކަތުން ލިޔުއްވަވާނެ ހެއްޔެވެ؟ 

ﷲ ތަޢާލާގެ ދީނަށް ނަޞްރު ދިނުމަށްޓަކައި ފުރަތަމަ ތިމާއަކީ ނަމާދުކުރާ މީހަކަށްވާށެވެ! ޚާއްޞަކޮށް ފަތިސް ނަމާދުން ދުވަސް ފަށާ މީހަކަށްވާށެވެ! 

- ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

މިއަދު އޮންލައިން