ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތުގައި ޤާޟީ ހައިލަމް އަށް އިންސާފުވެރި ހުކުމެއް ނުކުރެއްވޭނެ ކަމަށް ބުނެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް މިއަދު މަޖިލީހުގައި ވާހަކަ ދައްކައިފިއެވެ.
ބައެއް މެންބަރުން ވިދާޅުވީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައިގެން ދަމާ ކުރެހުމެއް ޤާޟީ ހައިލަމް ޢާންމު ކުރެއްވުމުން ހައިލަމް އަކީ އިންޞާފުވެރިކަމާއިއެކު ޝަރީޢަތް ކުރެއްވޭނެ ބޭފުޅެއް ނޫންކަން ސާބިތުވެއްޖެ ކަމަށެވެ. މީގެ އިތުރުން ބައެއެ މެންބަރުން ވިދާޅުވީ ޤާޟީ ހައިލަމް ހުންނެވީ ރައީސް ޔާމީން އަތްޕުޅުން 2 މިލިއަން ރުފިޔާގެ ރިޝްވަތު ނަންގަވައިގެން ކަމަށެވެ.
މައްސަލަ އުފެދިގެން އުޅެނީ ނަޞްރުގެ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވުމަށް ޤާޟީ ހައިލަމް ފޮނުއްވި ކުރެހުމަކާއި ގުޅިގެންނެވެ. މަޖިލީހުގައި ޤާޞީ ހައިލަމްގެ ވާހަކަތައް ދެކެވެން ފެށުމާއިއެކު އިދިކޮޅު ވަރަށް މަދު މެންބަރުން ކޮޅެއް އިހްތިޖާހްކޮށް ދުންމާރި ފުންމައި ހެދިއެވެ.
އެކަމާއި ގުޅިގެން އެމްޑީޕީއަށް ނިޞްބަތްވާ ބައެއް މެންބަރުން ވިދާޅުވީ "ބޮޑުވަގު" ހިމާޔަތްކޮށް ދިފާޢުކުރަން މަޖިލީހުގައި ތިބި "7 ކުދިވަގު" ނުކުތީ ކަމަށެވެ.