ބުއްދިވެރިންނަކީ ހަމައެކަނި ކުރަން އުޅޭ ކަމެއް ނުވުމުން ﷲ އަށް ދަންނަވާ މީހުންނެއް ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ބުއްދިވެރިންނަކީ ހަމައެކަނި ކުރަން އުޅޭ ކަމެއް ނުވުމުން ﷲ އަށް ދަންނަވާ މީހުންނެއް ނޫނެވެ!

ކުރަން މަސައްކަތްކުރާ ބައެއް ކަންކަން ނުވުމުން ބައެއް މީހުންނަށް ނިކަން ބާރަށް އެހެން މީހުންނާއި ދިމާއަށް ދުއްވައިގަނެވެއެވެ. އެކަމަކު އެއީ ވެސް ހަމަ ތިމާފަދަ ބަލިކަށި މީހެއް ނޫން ހެއްޔެވެ؟ އޭނާއަށް ވަކިން ކޮށްދެވޭނީ ކޮން ކަމެއް ހެއްޔެވެ؟ 

ކޮންމެ ކަމެއް ކުރަން ޤަޞްދުކުރި ނަމަވެސް، ކޮންމެ މަސައްކަތެއް ފަށަން ޤަޞްދުކުރި ނަމަވެސް އެކަމަކާއިމެދު ތިމާގެ ހިތުގައި ސުވާލު އުފެދޭނަމަ ނުވަތަ ޝައްކުވާނަމަ ފުރަތަމަ ކަމެއްގެ ގޮތުން އިސްތިޚާރާ ކުރާށެވެ. އެއަށްފަހު ފެންނަ ފެނުމަށް ބަލައި މަސައްކަތް ފަށާށެވެ! ފަށަންވާނީ އެކަމެއް ހިންމަވައި ދެއްވެވުން އެދި ދުޢާ ކުރުމާއިއެކުގައެވެ. އިސްތިޚާރާ ކުރަން ނުޖެހޭ ކަމެއްގައި ނަމަވެސް ﷲ ތަޢާލާއަށް ދުޢާކުރަމުން އެ މަސައްކަތެއް ފަށާށެވެ.   

މިއަދު ގިނަ މީހުންގެ ހަނދާނުގައި މިބައި ނުވެސް ހުރެއެވެ. ހަމަ ހިތަށް އަރާއިރަށް ކަންކަން ކުރަން ފަށަން މަސައްކަތް ކުރަނީއެވެ. ކުރަން އުޅޭ ކަންކަން ނުވުމުން ކޮންމެވެސް މީހެއްގެ ފަހަތުން ދުވަނީއެވެ. ފައިސާ އާއި އެހެންވެސް ކަންކަމަށް އެދިގެންނެވެ. ގޮތް ހުސްވުމުން ބޮޑެތި އިންޓަރެސްޓްތަކަށް ލޯނުތައް ނަގައި ސަލާމަތް ނުވެވިގެން މިޖެހެނީ އަމިއްލަ ނަފްސް ވެސް ވިއްކައިލުމަށެވެ. ﷲ ތަޢާލާގެ މަތިން ހަނޑާންވަނީ 4 އުދަރެސް ފެނުޖެހުމުންނެވެ. 

މީސްތަކުންނޭވެ! މިއީ އެއްގޮތަކަށްވެސް ކަންކަން އެގޮތަށް ކުރަން އޮތް ނިޒާމެއް ނޫނެވެ. ކޮންމެ ކަމެއް ކުރަން ފެށި ނަމަވެސް ﷲ ތަޢާލާ އަނގަވާފައިވާ ގޮތުގައި ކަންކަން ކުރަން ފަށާށެވެ. އަދި އެކަމުގައި ކުރިއަށް ދާން ދަތިވި ނަމަވެސް ﷲ ތަޢާލާއަށް ދެންނެވުމާއިއެކު ސަބަބުގައި ހިފައިގެން މަސައްކަތްކުރާށެވެ. 

އެހެނީ މިސާލަކަށް ކިތަންމެ ގިނަ ބައެއްގެ ކިބައިން ކަންކަމުގައި އެދުނު ނަމަވެސް ކިތަންމެ ގިނަ ބޭންކްތަކަށް ހިނގި ނަމަވެސް އެކަމެއް ޙާޞިލުކުރެވޭނީ ﷲ ތަޢާލާ އެކަމެއް ހިންމަވައި ދެއްވެވުމުންނެވެ. އެކަމެއް ފަހިކޮށް ދެއްވެވުމަށް ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވުމުން ހުރަސް އެޅޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން