މުސްލިމުންގެ ފުރަތަމަ ޤިބްލައަކީ މަސްޖިދުލްއަޤްޞާއެވެ. އެގޮތަށް ބަލައިގެން ނަމާދުކުރަމުން ދަނިކޮށް މައްކާގެ ޙަރަމްފުޅަކީ ޤިބިލަ ކަމުގައި ކަނޑައަޅުއްވަވައި އެކަން ބަޔާން ކުރެއްވެވީ ﷲ ތަޢާލާއެވެ. މުސްލިމުން ﷲ ތައާލާގެ ވަޙީއަށް އިޖާބަ ދިނީއެވެ.
މައްކާގެ ޙަރަމްފުޅަކީ ބިންމަތީގައި މުސްލިމުންގެ އެންމެ މުޤައްދިސް ބިނާއެވެ. ނަމަވެސް ބައެއް މީހުން ހީކުރާ ފަދައިން މުސްލިމުން ޙަރަމްފުޅަށް އަޅުކަމެއް ނުކުރެއެވެ. ރަސޫލް (ޞޢވ) ގެ އަމުރުފުޅަށް ބިލާލްގެފާނު ބަންގި ގޮވައިލެއްވެވީ ޙަރްމަފުޅުގެ އެންމެ މައްޗަށް އަރާވަޑައިގެން ހުންނަވައެވެ. ވީހައި ދުރަށް ބަންގީގެ އަޑު އިއްވެވުމަށް ޓަކައެވެ.
މުސްލިމުން ނަމާދުގައި އެމީހުންގެ މޫނުތައް މައްކާގެ ޙަރަމްފުޅަށް ކުރިމަތިކުރަން ފެށީ މިއާޔަތް ބާވައި ލެއްވެވުމުންނެވެ.
"އުޑާދިމާއަށް މަތިބައްލަވައިގެން ހުންނަވައި، ކަލޭގެފާނުގެ މޫނުފުޅު އެފުށްމިފުށަށް އަނބުރުއްވާތަން ތިމަންރަސްކަލާނގެ ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ، ކަލޭގެފާނު ރުހިވޮޑިގަންނަވާނޭ ޤިބްލަ އަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިމަތިކުރައްވާ ހުށީމެވެ. ފަހެ، ޙުރުމަތް ތެރިވެގެންވާ މިސްކިތާ (އެބަހީ: ކަޢްބަތުﷲ ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިއަބައިމީހުންތިބި ކޮންމެ ތަނެއްގައިމެ، އެފަރާތަށް ތިއަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ! އަދި ހަމަކަށަވަރުން އެއީ (އެބަހީ: ޤިބްލައާމެދު ބާވައިލެއްވި މި ބާވައިލެއްވުމަކީ) އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެންގެވި ޙައްޤު ގޮތްކަން ފޮތް ލިބުނު މީހުން ދަންނާނެކަން ކަށަވަރެވެ. އަދި އެއުރެންކުރާ ޢަމަލު ތަކާމެދު، ޣާފިލުވެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ނުވެއެވެ." (ބަޤަރާ: 144)
މިއާޔަތުގައި މިފަދައިން ވަޙީކުރައްވަވާފައި އޮތް ނަމަވެސް ނަމާދުކުރަން ޖެހުނު ވަގުތާއި ތަނުގެ ގޮތުން ޤިބްލަ ވަކިކުރަން ނުއެނގިއްޖެ ނަމަ އެމީހަކަށް އެންމެ ބޮޑަށް ލަފާ ކުރެވޭ ދިމާއަށް މޫނު ކުރިމަތިލުމުގެ ހުއްދަ ލިބިގެންވެއެވެ. އޮތީ ނަމާދު ނުއަޅައި ނަމާދުކުރުމެވެ. އެކަމަށް ދަލީލް ލިބެނީ މިއާޔަތުންނެވެ.
"މީސްތަކުންގެ ތެރެއިން ހަމަބުއްދިނުވާ މީހުން ބުނާނެތެވެ. އެއުރެން (އެބަހީ: މުސްލިމުން) އިހު ތިބި ޤިބްލަ ފިޔަވައި އެހެން ފަރާތަކަށް އަނބުރައިލީ ކޮން އެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! މަޝްރިޤް އާއި މަޣްރިބް މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވަތެވެ." (ބަޤަރާ: 142)
މުސްލިމުން ނަމާދުގައި މައްކާގެ ހަރަމްފުޅަށް ކުރިމަތިލުމުން ލިބޭ ފައިދާތަކާއި ސަޖިދަކުރުމުން ލިބޭ ފައިދާތައް މިއަދުގެ ސައިންސްވެރިން ދަނީ ހޯދަމުންނެވެ. ފުންކޮށް ވިސްނަވައިގެން ލިޔުމުގައިވާ ވީޑިއޯ ބައްލަވައިލައްވާށެވެ!
ގުޅުންހުރި ވީޑިއޯ: