70 ރަސޫލުން ކުރެއްވެވި ވަރަށް އަޅުކަން ކުރި ނަމަވެސް ނަރަކަ ފެނުމުން ބިރުން ތުރުތުރުއަޅައިގެންދާނެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
70 ރަސޫލުން ކުރެއްވެވި ވަރަށް އަޅުކަން ކުރި ނަމަވެސް ނަރަކަ ފެނުމުން ބިރުން ތުރުތުރުއަޅައިގެންދާނެ!: ޙަދީޘް

ރަސޫލް (ޞޢވ) ޢުމަރުގެފާނަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. "70 ރަސޫލު ބޭކަލުން ކުރެއްވެވި ވަރަށް އަޅުކަން ކުރެއްވެވި ނަމަވެސް ނަރަކަ ފެނުމުން ބިރުން ތުރުތުރުއަޅައިގެންދާނެ" އެވެ. މިއަދު މީސްތަކުންނަށް ބިރުވެތި ނުވެވިގެން ތިއަ އުޅެނީ

މިފަދައިން ރަސޫލް (ޞޢވ) އިންޒާރު ދެއްވަވައި ޙަދީޘްފުޅު ކުރެއްވެވި ނަރަކައަށް ހެއްޔެވެ؟ 

ޤިޔާމަތް ދުވަހު މީސްތަކުންނާއި ނަރަކަ ކައިރި ކުރެއްވެވިގެން އަންނަ ވަގުތު ނަރަކައިގެ އަލިފާން އެމީހަކަށް ބަލާލައިފިނަމަ އެމީހަކީ ނަރަކައަށް ވަންނަން ޖެހޭނެ މީހެކެވެ. ނަރަކައަށް ބަލަން ކެރޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އެންމެން ތިބޭނީ އިސްދަށަށް ޖަހައިގެންނެވެ. 

ﷲ ތައާލާ މީސްތަކުންނަށް ވަޙީ ކުރައްވަވާނެތެވެ. "ތިމަން ﷲ ގެ މަގަށް އުރެދުނު މީހުން ނަރަކައަށް ލައްވަވާނެ ކަމަށް ތިމަން ﷲ ވަޙީ ނުކުރައްވަވަމުހެއްޔެވެ؟ އެ ނަރަކަ ތިހިރީއެވެ!" 

މީސްތަކުންނޭވެ! ކޮންމެ މީހެއްގެވެސް ހިސާބު ބައްލަވާނީ ވަކިވަކިންނެވެ. ވައަތަށް ފަތް ލިބުނު މީހުން އެމީހެއްގެ ފަތުގައިވާ އެއްޗަކަށް އިންކާރުކުރާނެއެވެ. އަދި ފަތުގައިވާ އެއްޗެއް ދޮގުކުރަން މަސައްކަތްކުރާނެއެވެ. އެހިނދު ﷲ ތައާލާ އެމީހެއްގެ ދޫ ބަންދު ކުރައްވަވާނެތެވެ. އަދި އެމީހެއްގެ ލޮލުން ބެލި ބެލުންތަކާއި ލޮލާއި ސުވާލު ކުރައްވަވާނެތެވެ. އަތުން ކުރި ކަންތައްތަކާއި އަތާއި ސުވާލުކުރައްވަވާނެތެވެ. ފައިން ކުރި ކަންތައްތަކާއި ފައާއި ސުވާލުކުރައްވަވާނެތެވެ. 

އެގޮތަށް ގުނަވަންތަކާއި ސުވާލުކުރައްވަވައި ނިމުމުން ޖަވާބުދާރީ ވުމުގެ ފުރުޞަތު އެމީހަކަށް ދެއްވަވާނެތެވެ. އެއިރު އެމީހަކު ކުރި ހުރިހާ ކަންކަމަށް ގުނަވަންތައް ވާނީ ކުރި ކަންކަމަށް ހެކިދީ ނިމިފައެވެ. ވީމާ އިތުރަށް ބުނެވޭނީ ކީކޭ ހެއްޔެވެ؟ 

އެހިނދު އޭނާ ކުށްވެރި ކުރާނީ އޭނާގެ ގުނަވަންތަކެވެ. ހެކި ދިނީތީއެވެ. އަދި ބުނާނެތެވެ. "އަހަރެން މަސައްކަތްކުރީ ކަލޭމެން ނަރަކައިން ސަލާމަތްކުރާށެވެ!" އެހިސާބުން އެމީހަކު ގެންދެވުމަށް މަލާއިކަތުންނަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާނެތެވެ! ގެންދެވޭނީ ނަރަކައަށެވެ. އެކަން ހުއްޓުވަން ކާކަކަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! މިކަންކަމަށް ބިރުވެތިވާންވީ ޤިޔާމަތް ދުވަހަކު ނޫނެވެ. މަރުވުމުގެ ކުރިންނެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ! 

- ޑރ. އަޙްމަދު ޞިދްޤީގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން