ރައްޔިތުންގެ މަޖިލިހުގެ ނިޒާމް ގެއްލުވާލި ކަމަށްބުނެ، އިދިކޮޅު ހަތަރު މެމްބަރެއްގެ ނަން އިއްވާ މަޖިލިހުގެ ތަޅުމުން އެމެމްބަރުން ބޭރުކޮށްފިއެވެ.
އެގޮތުން މިއަދުގެ ޖަލްސާގައި ނަން އިއްވަވާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމްގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު(ޓޮމް) ގެ އިތުރުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދުގެ ނަމެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ފެށުމާއި އެކު ވެސް ތަޅުން ވަނީ ހޫނު ވެފައެވެ. އެއީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައްދަލުވުމަށް ވަޑައިގަތުމުންނެވެ. އެކަން އިދިކޮޅު މެމްބަރުން ސިފަކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ތާވަލުކޮށްފައި ވަނިކޮށް އެ މައްސަލަ ބައްލަވާ ގާޒީއަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނީއްސުރެން ނޮޅިވަރަމް ދާއިރާގެ މެންބަރު ނަޝީދު ދިޔައީ ދޭތެރެ ދޭތެރެއިން ތަޅުމުގައި "ކަށިގަނޑު" ފުމެމުންނެވެ. އެކަމުގެ ސަބަބުން ބައެއް މެމްބަރުންނަށް ބަހުސް ކުރުމަށް އުނދަގޫވެގެން ވަނީ އެކަން ވެސް ފާހަގަކޮށްފަ އެވެ.