"މަޖިލިހުގެ ތަޅުމުގަ ކަށިގަނޑު ނުފުމޭނަން" މިފަދައިން 100 ފަހަރު ލިޔަން އިއްޔެގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތޯރިޤް (ޓޮމް) އަށް އެންގުމަށްފަހު، މިއަދުގެ ޖަލްސާގައި ވެސް އެމަނިކުފާނަށް މަޖިލިސް ރައީސް އަދަބެއް ދެއްވައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގެ ނިޒާމް ގެއްލުވާލައިފި ކަމަށްބުނެ މެމްބަރު ތޯރިގް އާއި އިދިކޮޅު އިތުރު ތިން މެންބަރެއްގެ ނަން އިއްވުމަށްފަހު މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު އެންގެވީ އެމްޕީ ތޯރިގް މަޖިލިހުގެ ތަޅުމުން ބޭރަށް ނިކުމެވަޑައިގެން "ފާރަށް މޫނު ލައިގެން ކޮޅަށް" ހުންނެވުމަށެވެ.
އިއްޔެގެ ޖަލްސާގައި ލިޔުއްވަން އަމުރުކުރެއްވި އިބާރާތް ތޯރިގު ލިޔެފައި ނުވާކަން މަޖިލިސް ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި ފާހަގަކުރައްވައިފައެވެ.
މިއަދުވެސް މަޖިލީހުގައި ދުންމާރި ފުމެ، އަޑުގަދަކުރުމުގެ ސަބަބުން ތޯރިގުގެ ނަން އިވައި ތަޅުން ދޫކޮށް ވަޑައިގަތުމަށް ރިޔާސަތުން އެންގެވިއެވެ. ނަމަވެސް ތޯރިގު އެގޮތަށް އަމަލުކޮށްފައެއް ނުވެއެވެ. އަދި މަޖިލީހުގެ ސެކިއުރިޓީ އިން ތޯރިގު ތަޅުމުން ނެރެން ކުރި މަސައްކަތް ވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
އެހެންކަމުން މަޖިލީހުގައި މެމްބަރު ނެތް ކަމަށް ބަލައިގެން ނަޝީދު ވަނީ ޖަލްސާ ކުރިއަށް ގެންދަވައިފައެވެ. އަދި "ވާހަކަ ނުދައްކާ ހިމޭނުން އިންނަވަން" ނަޝީދު ވަނީ ތޯރިގަށް އަންގަވައިފައެވެ.
ނަމަވެސް މަޖިލިސް ރައީސް ޖަލްސާ ކުރިއަށް ގެންދަވައި، ކާށިދޫ ދާއިރާގެ މެމްބަރު ވާހަކަދައްކަވަމުން ގެންދަވަނިކޮށް ތޯރިގު ވަނީ އަނެއްކާ ވެސް ދުންމާރި ފުމެން ފަށައިފައެވެ.
އެހި ހިސާބުން ނަޝީދު ވަނީ ތޯރިގް މަޖިލީހުން ނުކުތުމަށް އަންގަވައި ތޯރިގުގެ އަތުގައި އޮތް ދުންމާރި އަތުލައި މަޖިލީހުގެ އިދާރާއާ ހަވާޅު ކުރުމަށް ސާޖަންޓް އެޓް އާމްސް އަށް އަންގަވައިފައެވެ. އަދި ތަޅުމުން ބޭރަށް ގޮސް، ފާރަށް މޫނު ލައިގެން ކޮޅަށް ހުންނަން ތޯރިގަށް ވަނީ އަންގައިފައެވެ.
"ތިބޭފުޅާ ބޭރަށް ނުކުމެ ހުންނަވާނީ ފާރަށް މޫނު ލައިގެން ކޮޅަށް،" ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު އެންގެވިއެވެ.