މުސްލިމުންނަށް ދުއްތުރާ ކުރަމުން ދިއަ ކާފިރުންނާއި ދެކޮޅަށް މުސްލިމުން ކުރި ހަނގުރާމަތަކުގައިވެސް އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާ ތަންތަނަށާއި ތަކެއްޗަށް ގެއްލުން ދިނުން ރަސޫލް (ޞޢވ) ވަނީ މަނާކުރައްވަވައިފައެވެ. ވީމާ ބޭރު ޤައުމުތަކުގައި ދިރިއުޅޭއިރު އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަނަށާއި ތަކެއްޗަށް ގެއްލުން ދިނުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.
އެބާވަތުގެ އަމަލުތައް ކުރުމުން ލިބެމުންދާނީ އެހެން މީހުންގެ ނަފްރަތެވެ. އަމާޒުވާނީ ރުޅިވެރިކަމެވެ. ވީމާ އިސްލާމް ދީނުގައި ނުކުރަން އަންގަވާފައިވާ ކަންކަން މުސްލިމަކު ކުރި ނަމަވެސް އެއީ އިސްލާމް ދީނާއި ގުޅުންހުރި ކަމެއް ނޫނެވެ. އެއީ އެމީހެއްގެ އަމިއްލަ ކަމެކެވެ. އެހެނީ އެމީހަކު އެ ނުކިޔަމނަތެރިވަނީ އިސްލާމް ދީނަށެވެ.
ހަމަ އެއާއިއެކު 100% މުސްލިމް ޤައުމެއްގައި އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާ ތަކެތި ހިމާޔަތްކުރުމެއްވެސް ނެތެވެ. މައްކާ ފަތަޙަ ކުރެއްވެވި ދުވަހު ރަސޫލް (ޞޢވ) ވަނީ އެތަނުގައި ހުރި ހުރިހާ ބުދުތައް ތަޅައި ނައްތާލަން އަމުރުފުޅު ކުރައްވަވައިފައެވެ. އެއީ މުސްލިމުންނަށް މައްކާ ފަތަޙަ ކުރެވި މުސްލިމް ވެރިކަމެއް މައްކާގައި ޤާއިމުކުރެވުމުންނެވެ.
ރާއްޖެއިން ބޭރުގައި ދިވެހިން ދިރިއުޅެމުންދާއިރު މިބާވަތުގެ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. ކޮންމެ ޤައުމެއްގައި އުޅުނު ނަމަވެސް އެ ޤައުމެއްގެ ޤާނޫނުތަކަށް ކިޔަމަންތެރިކަން އަދާކޮށް އެ ޤައުމެއްގެ މީހުންނަށް އަދާކުރަންޖެހޭ އިޙްތިރާމް އަދާކުރަންޖެހޭނެއެވެ.
އިސްލާމް ދީން މަތިވެރިކުރަން ކުރަން އޮތް ކަމަކީ އިސްލާމް ދީނުގައި ކުރަން އަނގަވާފައިވާ ކަންކަން ކުރުމެވެ. އިސްލާމް ދީން ނަހީކުރާ އެއްވެސް ކަމެއް ނުކުރުމެވެ. އަޚްލާޤީ ރިވެތި ނަމޫނާ ދެއްކުމެވެ. އިސްލާމް ދީނަށް ކުރިއެރުން ލިބިފައިވަނީ އިސްލާމް ދީނުގައިވާ ރިވެތި އަޚްލާޤުންނެވެ.
(މިއީ ލަންކާގައި ހުރި ބުދުތަކަކަށް ގެއްލުން ދިނުމުގައި ދިވެއްސަކު ބައިވެރިވިކަމަށް އެ ޤައުމުގެ ފުލުހުން ތުހުމަތުކޮށް އެމީހާ ހޯދަން އިއުލާނުކުރުމާއި ގުޅިގެން ދީނީ ޢިލްމުވެރިންގެ 2 ބޭފުޅަކު މިއަދުނޫހަށް ދެއްވި މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.)
