ދުނިޔޭގެ ނިޒާމުގައި މިއޮންނަ ޢާންމު އުޞޫލަކީ ކަމަކުން ފޭލްވެއްޖެ ނަމަ ފޭލްވީއެވެ. ދެވަނަ ފުރުޞަތު ލިބެނީ ވަރަށް އުނދަގުލުންނެވެ. ގިނަ ފަހަރު އޮންނަނީ ދެވަނަ ފުރުޞަތު ނުވެސް ލިބިފައެވެ.
ނަމަވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަން ނިކަން ދެކެބަލާށެވެ! ފޭލްވުމަކަށް އަދަދެއްވެސް ނެތެވެ. ހަމަ ފޭލްވާއިރަށް ރުޖޫޢަވާންވީއެވެ. އެކަމަށް ވަކި އަދަދެއް ޚާއްޞަކުރެވިފައެއް ނުވެއެވެ. ފާފަކުރެވޭލެއް ގިނަކަމުން ތައުބާވާންޖެހޭ މިންވަރު ގިނަވެގެންވެސް ލަދުގަންނަން ޖެހެނީ ފާފަކުރާ މީހާއެވެ! ތައުބާވެއްޖެ ނަމަ ﷲ ތަޢާލާ އެކަން ޤަބޫލުފުޅު ކުރައްވަވަތެވެ.
މީސްތަކުންނޭވެ! އެންމެ ނުބައިކަން ބޮޑީ ފާފަކުރެވުމުން ތައުބާ ނުވުމެވެ. ތައުބާވުން ލަސްކުރުމެވެ. ފާފަ ކުރެވުމުން އަވަހަށް ތައުބާވާށެވެ! ތައުބާވުމަށް އަވަސްވެގަންނާށެވެ! ނޫނީ ބޮޑާވެ ކިބުރުވެރިވާ މީހުންގެ ތެރެއިން ހިމެނި މީހާ ހަލާކުވެގެން ހިނގައިދާނެއެވެ!
އެންމެ ގިނައިން ދެރަ ލިބެނީ ފަހުން ތައުބާވާން މަޑުކުރާ މީހުންނަށެވެ. އެފަދަ މީހުންނަށް ތައުބާގެމަތިން ހަނދާންވަނީ މަރުގެ މަލާއިކަތާ ފެނުމުންނެވެ. ނަމަވެސް އެހިސާބުން ކުރެވޭނެ އެއްވެސް އިތުރުކަމެއް ނުއޮންނާނެއެވެ. ތައުބާގެ ދޮރު އެވަނީ ބަންދުވެފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން