ކައިވެންޏާއިމެދު މާޔޫސްވެ ނުބައިމަގު އިޚްތިޔާރު ކުރާ މީހުން އެދަނީ އަމިއްލައަށް ނަރަކަ އާ ކައިރިވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ކައިވެންޏާއިމެދު މާޔޫސްވެ ނުބައިމަގު އިޚްތިޔާރު ކުރާ މީހުން އެދަނީ އަމިއްލައަށް ނަރަކަ އާ ކައިރިވަމުން!

ބައެއް މީހުން އެމީހުންގެ ކައިވެނި ފޭލްވުމުން އަދި ބައެއް ފަހަރު ދިރިއުޅުމުގައި ކުރިމަތިވާ މުޞީބާތްތަކުގެ ސަބަބުން މާޔޫސްވެ ނުބައި މަގު އިޚްތިޔާރު ކުރެއެވެ. ކައިވެނި ރޫޅާލައި ފާހިޝް އަމަލުތައް ކުރާ މީހަކަށްވެސް ބަދަލުވެގެންދެއެވެ. މިއީ އިންސާނަކަށް އިޚްތިޔާރުކުރެވޭނެ އެންމެ ނުބައިކަން ބޮޑު މަގެވެ. 

އެހެނީ އެމީހަކަށް އެހިސާބުން ގެއްލިގެން އެދަނީ މިދުނިޔެއާއި އާއި އާޚިރަތެވެ. އެފަދަ ބައަކު އުޅޭނެކަމާއި އެމީހުންނަކީ ދެ ދުނިޔެ ނަގައިލާ ބައެއްކަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. 

މިޒަމާނުގެ ސައިކޮލޮޖިސްޓުން މިފަދަ ހާލަތަށް ކޮންމެ ނަމެއްވެސް ކިޔައިފާނެއެވެ. ނަމަވެސް ޙަޤީޤަތަކީ އެފަދަ މީހުންނަކީ އީމާންކަން ކުޑަ ނުވަތަ އީމާންކަން ނެތް ބައެއް ކަމެވެ. އެހެނީ އަނެކާ ތިމާ ދެކެ އަބަދު އެއްވަރަށް ލޯބިވެދާނެ ކަމަށް ޔަޤީންކުރަން ޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. ދުނިޔޭގެ ޙަޔާތުގައި ބަދަލު ނުވާނީ މިވެނި ކަމެއް ކަމަށް ނިންމާނީ ކޮން ކަމެއް ހެއްޔެވެ؟ ކަންކަން ވާނެ ގޮތް އެނގެނީ ކާކަށް ހެއްޔެވެ؟ ވީމާ އެމީހަކު ދެކެ ތިމާ ކިތަންމެ ލޯބިވީ ނަމަވެސް އަދި އެމީހަކަށްޓަކައި ކިތަންމެ ބޮޑު ޤުރްބާނީ އެއްވެފައިވީ ނަމަވެސް އެމީހާގެ ހިތް ބަދަލު ނުވާނެ ކަމަށް ތިމާ ޔަޤީންކުރަން ވެދާނެ ހެއްޔެވެ؟ 

މިފަދަ ހުރިހާ މައްސަލަތަކެއްގެ އަސްލަކީ ﷲ ތަޢާލާ ދެކެ ލޯބި ނުވެވޭ ކަމެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް ކިޔަމަންތެރި ނުވެވޭ ކަމެވެ. ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ) ގެ ސުންނަތާއި ބީރައްޓެހި ކަމެވެ. އެހެން ނޫން ނަމަ ދުނިޔޭގެ އެއްވެސް ކަމަކަށް ނުވަތަ އެހެން މީހަކު ދެކެ ތިމާ އެކަމަކުން ވަކި ނުވެވޭނެ ވަރަށް ނުވަތަ އެކަމަކާއި ދުރުހެލި ނުވެވޭވަރަށް ލޯތްބެއް ނުވާނެއެވެ. 

ކޮންމެ ޙާލެއްގައި ވަކި ނުވެވޭވަރަށް ލޯބިވާންވީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ﷲ ތަޢާލާއަށް އެވަރަށް ލޯބިވެވުމުން އޮޓޮމެޓިކުންވެސް ރަސޫލް (ޞޢވ) ދެކެ ހަމަ އެވަރަށް ލޯބިވެވޭނެއެވެ. އީމާންކަން ފުރިހަމަކުރުމަށްޓަކައި ތިމާގެ އަމިއްލަ ނަފުސަށާއި އަނބިދަރިންނަށްވުރެ ރަސޫލް (ޞޢވ) ދެކެ ލޯބިވުމަށް ކުރައްވަވާއިފައިވާ ޙަދީޘްފުޅަށް އަމަލުކުރެވޭނެއެވެ. 

އެފަދަ މީހެއްގެ ޙަޔާތުގެ ބައިވެރިޔާ އެމީހަކު ދޫކޮށްލާފައި ދިއުމަކުން ޙަރާމް ކަންކަން ކުރާކަށް ނުފަށާނެއެވެ. އެފަދަ މީހުން ﷲ ތަޢާލާއަށް އަޅުކަން ކުރުމާއި ދުޢާކުރުން ގިނަކުރާނެއެވެ. ކުރިން ލިބުނު މާޒީއަށްވުރެ އުފާވެރިކަން ބޮޑު ދުވަސްތަކެއް މިންވަރު ކުރެއްވެވުން އެދިއެވެ. އެގޮތުގައި ސާބިތުވާ މީހުންނަށް އެކަން އެގޮތަށް ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން