ތައުލީމީ މުއައްސަސާތައް ހިންގާ އިސްފަރާތްތަކުން ލާދީނީ އެމްޑީއެންގެ ރިޕޯޓް ދިފާޢު ކުރުމާއި ދީނީ ޢިލްމުވެރިންނާ ދިމާކުރުމަކީ ނުރައްކާތެރިކަމެއް ކަމަށް ޑޜ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް ވިދާޅުވީ ތައުލީމީ މުއައްސަސާތައް ހިންގާ ފަރާތްތަކާއި އަދި މުދައްރިސުން ވާން ޖެހޭނީ އިސްލާމް ދީނަށް ނަޞްރު ދިނުމުގައި ނަމޫނާ ބައަކަށް ކަމަށާއި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނަކަށް ފުރުޞަތު ނުދިނުމަށް ގަދައަޅައި މަސައްކަތްކުރާ ބައަކަށް ކަމަށެވެ. އެހެން ދީންތަކުގެ ފިކުރަށް އެއްވެސް ވަރަކަށް ތާއީދު ނުކުރާ ބައަކަށް ކަމަށެވެ.
"އެހެން ނޫނީ ރަނގަޅީ ކޮން ގޮތެއްކަން ދެނެގަންނަން ދަރިވަރުންނަށް އުނދަގޫތަކެއް ހުންނާނެ. އިސްލާމް ދީނަށް ލޯބިކުރާ އަދި އަމަލުކުރާ ޖީލެއް އުފެއްދޭނީ އެކަންކަމަށް ދީނީ ޢިލްމުވެރިން ކުރައްވާ މަސައްކަތްތަކަށް އެންމެންގެ އެއްބާރުލުން ލިބިގެން. ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތް ކުރުމާއިއެކު އެހެން އެއްވެސް ދީނަކަށް ފުރުޞަތު ނުދޭން މިކުރެވޭ މަސައްކަތްތައް ކާމިޔާބުވެ އެކަމުގެ ފައިދާ މުޖުތަމައުއަށް ކުރާނީ އެއިރުން" ކަމަށްވެސް ޑރ. އިޔާމް ވިދާޅުވިއެވެ.
ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރަން ދީނީ ޢިލްމުވެރިން އަބަދުވެސް ގެންދަވަނީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުންނެވެ. ދީނީ ޢިލްމުވެރިން މެދުކުރައްވައިގެން ދަރިވަރުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރަން އިސްލާމިކް މިނިސްޓްރީން ގެންދަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.