ސްރީލަންކާ އިން ދިވެހި ރާއްޖެއާ އެކިދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރަން ބޭނުންފުޅުވާކަމަށް ސްރީ ލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮހޯނާ ވަލައްވެ ނިމާލް ދަރްމަކީރްތި ކަރުނަރަތްނޭ ވިދާޅުވެއްޖެއެވެ.
ލަންކާ ސަފީރު މިހެންވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ ބޭއްވެވި މިބައްދަލުކުރެއްވުމުގައި ލަންކާ ސަފީރުގެ ދެއްކެވި ވަހަކަފުޅުގައި ލަންކާ ރައްޔިތުންނާއި ދިވެހިންނާ ދެމެދު ވަރަށް އެކުވެރި ގުޅުމެއް އުފެދިފައިވާކަން ފާހަގަކުރައްވާ، ގުޅުން އެކިދާއިރާތަކުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަން ހާމަކުރެއްވިއެވެ. އަދި މިކަމުގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ދެއްވާ އެއްބަރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.
ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޒަމާނުއްސުރެ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާ، ކުރިއަށްއޮތްތަނުގައި ގުޅުން އިތުރު ދާއިރާތަކުން ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.