ރޭވި ޕްލޭން ފޭލްވީ ހެއްޔެވެ؟ ލޯބިވެރިޔާ ގެއްލުނީ ހެއްޔެވެ؟ ބައިވެރިވި އިމްތިހާނުން ފޭލްވީހެއްޔެވެ؟ ލިބޭނެ ކަމަށް އުންމީދު ކޮށްގެން ހުރި ވަޒީފާ ލިބޭނެ ގޮތް ނުވީހެއްޔެވެ؟
މިފަދަ ކޮންމެ ހާލަތަކާއި ގުޅިގެން މީސްތަކުންގެ ރުޅި ގަދަވެގެންދެއެވެ. ތިމާއަށް އެވެނި ކަމެއް ޙާޞިލު ނުކުރެވުނީ މިވެނި މީހަކާއި ހެދިކަމަށް އެބަ ބުނެއެވެ. ނުވަތަ މިވެނި ބައެއްގެ ހުރަސް އެޅުމުން ނުވަތަ މިވެނި މީހަކު ހެދި ސިހުރަކުން ކަމަށް އެބަ ބުނެއެވެ.
މިފަދަ ބަސްތައް ބުނެވޭނަމަ އެމީހާގެ އީމާންކަމުގައި މައްސަލަތަކެއް އެބަހުއްޓެވެ.
1 ﷲ ތަޢާލާ ދެއްވަވަން މިންވަރު ކުރައްވަވާފައިވާ ނިޢްމަތަކަށް މިވެނި އެވެނި މީހާއަށް ހުރަސް އެޅޭނެ ކަމަށް ޤަބޫލުވެސް ކުރެވިގެން ނުވާނެއެވެ. 2 ﷲ ތައާލާ ދެއްވަވަން އިރާދަފުޅުކުރައްވަވާފައި ނުވާ އެއްވެސް ކަމެއް ލިބިގަނެވޭނެ އެއްވެސް ގޮތެއްވެސް ނުއޮންނާނެއެވެ. ދުނިޔޭގެ އެންމެން އެއްކޮޅަށް އަރާފައި އެކަމެއް ކޮށްދިނުމަށް މަސައްކަތްކުރި ނަމަވެސް ކޮށްދެވޭނެ ހަމަ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.
ޙަޤީޤަތަކީ އަހަރެމެން ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އަހަރެމެންގެ އަތުގައި އެއްވެސް ކަމެއްގެ ކޮންޓްރޯލް ނެތުމެވެ. ހުރިހައި ކަންކަމުގެ އެންމެހައި ކޮންޓަރޯލްތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. އަހަރެމެންނަށް ހަމަ އެކަނި ކުރެވެން އޮތް ކަމަކީ ޙާޞިލުކުރަން ބޭނުން ކަންކަން ޙާޞިލުކުރަން މަސައްކަތްކުރުމެވެ.
މިވާހަކަ މިމޭރުމުން ތިއަ ޒުވާނުންނާއި ދައްކަން މިޖެހުނީ މިއަދުގެ ޒުވާނުންގެ މެދުގައި ހަސަދަވެރިކަން އިތުރުވާތީއެވެ. ދާދިފަހުން ބައްދަލުވި ޒުވާނަކު ބުންޏެވެ. "ޝައިޚް އެވެ. ކައިވެނި ކުރަން ބޭނުންވެގެން ގުޅި ކައިވެންޏާއި ހަމައަށް ނުދެވެނީސް މިހާރު 4 ލޯބިވެރިން ކަޓުވާލައިފިއެވެ." ޖަވާބުގައި ބުނީމެވެ. "5 ވަނައަށް ލިބޭ ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ މާފުރިހަމަވާނެ ކަމަށް ޔަޤީންކުރާށެވެ. އަހަރެމެންނަށް އެނގޭނީ ކޮންކަމެއް ހެއްޔެވެ؟ ވާން ހުރި އެއްވެސް ކަމެއް އަހަރެމެންނަށް ނުއެނގޭއިރު ވާން ހުރި ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއއެވެ.
ހަމަ އެފަދައިން ބައެއް ޒުވާން އަންހެން ކުދިން ބުނެއެވެ. "މިވެނި އަންހެނަކު އަޅުގަނޑުގެ ފިރިމީހާ ޖަހައިގަނެގެން ގެންގޮސްފިއެވެ." ޒުވާން ފިރިހެން ކުދިން ބުނާއެވެ. މިވެނި މުސަންޖަކު ނުވަތަ ބާރުގަދަ މީހަކު އޭނާގެ އަނބިމީހާ ޖަހައިގަނެގެން ގެންގޮސްފި ކަމަށެވެ.
މީސްތަކުންނޭވެ! އަނބިމީހާ ނުވަތަ ފިރިމީހާ ވަރިވާން އުޅޭއިރު އެކަން ނުވާނެ ގޮތެއް ފެނޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. އެމަސައްކަތް ކުރަނިކޮށް ވަރިވެއްޖެ ނަމަ އެއްވެސް އިތުރު މީހަކު ކުށްވެރިނުކުރާށެވެ. އަދި ވަރިވި މީހާ ނުވަތަ ވަރިކުރި މީހާވެސް ކުށްވެރި ނުކުރާށެވެ! ހިތަށް އަރުވާށެވެ. "މިޙާލަތު މެދުވެރި ކުރެއްވެވީ މިކަމުގައި ދެމިހުރެއްޖެ ނަމަ ލިބިދާނެ އިތުރު އަނިޔާއެއްގެ ބޮޑުކަމުން އެކަމުން ސަލާމަތްކުރެއްވެވުމަށެވެ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު ކުރިއަށް އޮތީ މާ އުޖާލާ ދުވަސްތަކެކެވެ."
މިމޭރުމުން ހިތްމައްޗަށް ގެނެސް ތަޤްވާވެރިކަން އިތުރުކުރަން މީހަކު މަސައްކަތްކުރުމުން އެމީހަކަށް އުފާވެރި މުސްތަޤްބަލެއް ނުލިބުނު މީހެއްގެ ވާހަކަ އަދި މިހައިތަނަށް އަޑު އިވިފައެއް ނެތެވެ. ހަމަ އެކަނި ޝަރުޠަކީ އިޚްލާޞްތެރިވުމެވެ. އުފާވެރިކަން ބޭނުން ނަމަ މިގޮތަށް އަމަލުކުރާށެވެ.
ބުނަންހެއްޔެވެ؟ ތިމާއަށް އަނިޔާ އާއި ގެއްލުން ދިން މީހުންގެ ލިސްޓް ހަދައި، އެމީހެއްގެ ފަހަތުން ދުވަން ބޭނުންވާ މީހަކަށް ދުވަހަކުވެސް ހިތް ހަމަޖެހުމެއް ނުލިބޭނެއެވެ. ޙަސަދަވެރިކަން ކޮނޑުޖަހައިގެން ހުރުމުން ތިމާކުރާ ހެޔޮ އަމަލުތައް ދާނީ އަނދައި ހުލިވަމުންނެވެ. ވީމާ އުފާވެރިކަން ބޭނުންނަމަ މާޒީ، މާޒީއަށް ދޫކޮށްލާށެވެ! އިޚްލާޞްތެރިކަމާއި ތަޤްވާވެރިކަން އިތުރުކުރާށެވެ. ކުރިން ބުނިފަދައިން ރަޙްމަތުގެ އިތުރު އެތައް ބައިވަރު ދޮރުތަކެއް ހުޅިވިގެންދާނެއެވެ. އިން ޝާ ﷲ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން