މަރުވުމުން ހިތާމަކުރަން ޖެހޭނީ މުސްތަޤްބަލުގަ ކުރާނެ ކަންކަން ނުރޭވުނީތީއެއް ނޫން, ކުރަން ޖެހޭ އަޅުކަން ނުކުރެވުނީތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މަރުވުމުން ހިތާމަކުރަން ޖެހޭނީ މުސްތަޤްބަލުގަ ކުރާނެ ކަންކަން ނުރޭވުނީތީއެއް ނޫން, ކުރަން ޖެހޭ އަޅުކަން ނުކުރެވުނީތީ!

ވަގުތުތައް ހޭދަކުރަންވީ މުސްތަޤްބަލުގައި ޙާޞިލުކުރަން ބޭނުން ކަންކަމާއިމެދު ވިސްނުމަކަށް ނޫނެވެ. ވަގުތު ހޭދަކުރަންވީ މިއަދު އަދާކުރަން ހުރި އަޅުކަން ކުރުމަށެވެ. އެހެނީ މިއަދު މަރުވި ނަމަވެސް މުސްތަޤްބަލުގައި ކަމެއް ކުރަން ރޭވިފައި ނެތިގެން ހިތާމަކުރާކަށް ނުޖެހޭނެއެވެ. ހިތާމަކުރަން ޖެހޭނީ މިއަދު ކުރަން ޖެހޭ އަޅުކަން ނުކުރެވި އޮތް ނަމައެވެ.

މުސްތަޤްބަލުގައި ކުރާން ކަންކަމަށް ވެސް ވިސްނާށެވެ! ކަންކަން ކުރެވޭނެ ގޮތްތައް ރާވާށެވެ! ނަމަވެސް އެކަންކަމަށް ވަގުތު ހޭދަކުރަން ޖެހޭނީ ކުރިން ބުނިފަދައިން މިއަދު ކުރަން ޖެހޭ އަޅުކަން ފުރިހަމައައަށް ކުރުމާއި އެކުގައެވެ. ވީމާ ފުރަތަމަކަމަކީ މިއަދު ކުރަން ޖެހޭ އަޅުކަން ކުރުން ކަމުގައި ހަދާށެވެ! އަދި މުސްތަޤްބަލް ﷲ ތަޢާލާއަށް ވަކީލުކުރާށެވެ!

ފުރަތަމަ ކަމަކީ ފަރުޞު 5 ނަމާދު ޖަމާޢަތުގައި ކުރުމެވެ. އެދުވަހަކު ހޭދަކުރެވެން ހުރި މިންވަރެއް އެދުވަހު ޞަދަޤާތްކުރުމެވެ. ޢާއިލީ ޒިންމާތައް ފުރިހަމަކުރުމެވެ. ޛިކުރުތައް ކިޔަމުން ގެންދިއުމެވެ. ކީރިތި ޤުރްއާނުން މިންވަރެއް ނަމަވެސް ކިޔެވުމެވެ. ވީމާ އެންމެ އިސްކަންދޭ ކަންކަން ތަރުތީބުކުރާއިރު މިކަންކަމަށް އިސްކަންދޭށެވެ!

މުސްތަޤްބަލް ﷲ ތައާލާއަށް ވަކީލުކުރުމުގެ މާނައަކީ ޙައްޖުވުމާއި މިސްކިތް އެޅުން ފަދަ ބޮޑެތި ކަންކަން ކުރެވޭނެ ގޮތަކާއިމެދު އެއްވެސް ވަރަކަށް ނުވިސްނުމެއް ނޫނެވެ. އެކަންކަމަށްވެސް ވިސްނާށެވެ! ކުރެވޭނެ ގޮތްތައް ރާވާށެވެ! ނަމަވެސް ކޮންމެ ދުވަހަކު އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަން އިސްކަންދޭށެވެ! އެއިރުން ތިމާ އެދޭފަދައިން މުސްތަޤްބަލު ތިމާއަށްޓަކައި ﷲ ތައާލާ ފަހިކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ.

މަރުވާނެ ވަގުތަކީ އެއްވެސް މީހަކަށް އެނގޭ ކަމެއް ނޫނެވެ. ހަމަ މިއަދުވެސް މަރުވެދާނެއެވެ. ވީމާ އަބަދުވެސް ހުންނަން ޖެހޭނީ މަރަށް ތައްޔާރުވެގެންނެވެ. މަރަށް ތައްޔާރުވެގެން ހުރުމަކީ ކުރިނަ މިބުނިފަދައިން އެދުވަހަކު ކުރަން ޖެހޭ އަޅުކަންތައް އެދުވަހަކު އެކަމެއްގެ ވަގުތުގައި ކުރަމުން ގެންދިއުމެވެ.

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން