ރަސޫލް (ޞޢވ) އުފަންވެވަޑައިގަތުމަކީވެސް އަދި އިތުރު އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅަކީވެސް އިންސާނާގެ މުޅި ދިރިއުޅުމަށް އެންމެ މުހިންމެ އަސާސްއެވެ. ވީމާ އަހަރެއްގެ އެންމެ ދުވަހަކު އެކަންކަން މަތިން ހަނދާންކޮށް ޛިކުރާ އައުކޮށްލުމަކުން ނުފުދޭނެއެވެ.
ރަސޫލް (ޞޢވ) އަށް ސަލާމާއި ޞަލަވާތް ލެއްވެވުން އެދި ދުޢާކުރަންވީ އަހަރުގެ އެންމެ ދުވަހަކު ނޫނެވެ. ހުރިހާ ދުވަހަކުއެވެ. ވީހައި ގިނައިންނެވެ.
ޙަޔާތުގެ ކޮންމެ ދުވަހަކީ ރަސޫލް (ޞޢވ) ގެ ޙަޔާތްޕުޅުން ފިލާވަޅުތައް ލިބިގަންނަ ދުވަހަކަށް ހަދާށެވެ. ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުތަކާއި ސިޔަރަތު ދަސްކުރާ ދުވަހަކަށް ހަދާށެވެ! ސުންނަތުގައިވާ ކަންކަން ދަސްކުރާ ދުވަހަކަށް ހަދާށެވެ! ރަސޫލް (ޞޢވ) ވިދާޅުވެދެއްވެވި ދުޢާތަކާއި ޛިކްރުތައް ގިނަގިނައިން ކުރާ ދުވަހަކަށް ހަދާށެވެ!
މީސްތަކުންނޭވެ! ކޮންމެ ދުވަހަކީ ރަސޫލް (ޞޢވ) މަތިވެރިކުރާ ދުވަހަކަށް ހަދާށެވެ. އިސްލާމް ދީނާއި ރަސޫލް (ޞޢވ)ގެ ސުންނަތް ދިފާޢުކުރާ ދުވަހަކަށް ހަދާށެވެ! އެކަންކަން ފަތުރަން މަސައްކަތްކުރާ ދުވަހަކަށް ހަދާށެވެ! ސުންނަތާއި ޙަދީޘްފުޅުތަކުގެ މަތިވެރިކަން ބަޔާންކޮށް މީސްތަކުންނަށް އަންގައިދޭ ދުވަހަކަށް ހަދާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ޙަޤީޤީ ކާމިޔާބު ޙާޞިލުކުރެވެން އޮތީ ކޮންމެ ދުވަހަކު މިކަންކަން ކޮށްގެންނެވެ.
- -އިސްލާމީ ތިލަފަތުގެ ދަރުސަކުން