ބައެއް މީހުން ވަރަށް ފަސޭހަކަމާއިއެކު ބުނެލައެވެ. ކީރިތި ޤުރްއާނުގެ މާނަ ކިޔައިގެން އެއްވެސް އެއްޗެއް އޮޅުން ފިލާނެ ގޮތެއް ނުވިއެވެ. އެހެން ވެދާނެއެވެ. މާނަ ކިޔައިލާ މީހަކަށް ހަމަ ވަގުތުން ހުރިހާ ކަމެއް އޮޅުން ނުފިލައިފާނެއެވެ. އެހެނީ އެއީ ވެސް އުނގެނެން ޖެހޭ ޢިލްމަކަށްވާތީއެވެ.
ކީރިތި ޤުރްއާނުގެ މާނަ ކިޔައިގެން ކަމެއް އޮޅުން ނުފިލައިފިނަމަ އެއީ އެމީހެއްގެ ކަމެއްކަން އެނގެނީ މި އާޔަތުންނެވެ.
"ا ل ر (މި އަކުރުތަކުގެ މުރާދް ދެނެވޮޑިގެންވަނީ ﷲއެވެ.) (މިއީ) ފޮތެކެވެ. އެ ފޮތުގެ އާޔަތް ތައްވަނީ، އޮޅުމެއްނެތި މާނަ ސާފުކޮށް އެނގޭގޮތުގައި ފުރިހަމަ ނިޒާމަކުން تنظيم ކުރައްވާފައެވެ. އަދި އެ (ފޮތުގައިވާ ހުރިހާ ތަކެއްޗެއް) ވަނީ ތަފްޞީލްކޮށް ބަޔާންކުރައްވާފައެވެ. (އެއީ) މޮޅަށް ދެނެވޮޑިގެންވާ، ޙަކީމް ވަންތަ ރަސްކަލާނގެ ޙަޟްރަތުންނެވެ." (ހޫދު: 1)
މިވާހަކަ މިބުނަނީ އެއްވެސް ޙާލެއްގައި ނުއެނގުނު މީހާ ކުށްވެރިކުރާކަށް ނޫނެވެ. ބައެއް މީހުންނަށް އަރާ އޮޅުން ސާފުކޮށްދިނުމަށެވެ. ނުއެނގި ތިބެ ނަމަވެސް ކުރެވޭ ޝަކުވާގެ މައްސަލައަށް އެހީތެރިވުމަށެވެ.
ކީރިތި ޤުރްއާނުގެ މާނަ ކިޔުމުން އެއްވެސް ކަމެއް އޮޅުން ނުފިލި ނަމަ ތަފްޞީލުކޮށް ވިދާޅުވެދެއްވަން އެނގިވަޑައިގަންނަވާ ދީނީ ޢިލްމުވެރިއެއްގެ އެހީތެރިކަން ހޯއްދަވާށެވެ! ޝައްކެއްގެ ތެރޭގައި ނުހުންނާށެވެ! އަދި އޮޅުންގަނޑެއްގެ ތެރޭގައިވެސް ނުހުންނާށެވެ!
އަޅުކަމަކަށް ވަނީ ހަމައެކަނި ކީރިތި ޤުރްއާން ކިޔެވުމެއް ނޫނެވެ. މާނަ އުނގެނި ދަސްކުރުމަކީވެސް އަޅުކަމެކެވެ. ވީމާ ކީރިތި ޤުރްއާނުގެ މާނަ އުނގެނެން ގަދައަޅައި މަސައްކަތްކުރާށެވެ! ކީރިތި ޤުރްއާނަށް ޢަމަލުކުރެވޭނީވެސް މާނަ އެނގިގެންނެވެ. ވީމާ މާނަ އުނގެނުމަކީ ކުޑަ ކަމެއް ކަމަށް ނުދެކޭށެވެ! އެންމެ ބޮޑު ކަމަކީ އެއީ ކަމަށް ދެކޭށެވެ! އެހެނީ ދެ ދުނިޔެ ލިބުން ވަނީ ކީރިތި ޤުރްއާން އުނގެނި ޢަމަލުކުރި މިންވަރެއްގެ މައްޗަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން