އެމީހަކާއެކު ﷲ ތާއަބަދު ވޮޑިގެންވުމަށް އެދޭނަމަ މިއަޑުއަހައި ޢަމަލުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
އެމީހަކާއެކު ﷲ ތާއަބަދު ވޮޑިގެންވުމަށް އެދޭނަމަ މިއަޑުއަހައި ޢަމަލުކުރާށެވެ!

ޙަޔާތުގައި ކުރިމަތިލާންޖެހޭ ކޮންމެ ކަމަކީ ތިމާ އެންމެ ހިތް އެދޭ ގޮތަށް ކުރިމަތިވާ ކަމަކަށް ނުވެދާނެއެވެ. އަދި އެއްގޮތަކަށްވެސް ނުއެދޭ ކަންތައްތަކަކަށްވެސް މެދުވެރިވެދާނެއެވެ. ހަތަރު އުދަރެސް ފެނުޖެހޭތަން ވެސް އައިސްފާނެއެވެ. ދެން ސަލާމަތް ނުވެވޭނެ ކަމަށް ވެސް ހީކުރެވިދާނެއެވެ.  

ނަމަވެސް ކަންބޮޑުނުވާށެވެ! އެހެން އެވަނީ އަހަރެމެންނަކީ އިންސާނުންކަމުގައިވީތީއެވެ. އެތަކްލީފްގެ ފަހަތުން ލިބެން އޮތް އުފާވެރިކަން ނުއެނގޭތީއެވެ. ލިބެން އޮތް އުފަލާއި ހިތްހަމަޖެހުން ނުއެނގޭތީއެވެ. އެންމެފަހު މަންޒިލްކަމުގައިވާ އާޚިރަތުގައި ލިބޭނެ ނިޢްމަތްތައްވެސް ނުއެނގޭތީއެވެ. 

އަހަރެމެންގެ ހަޔާތުގައި މެދުވެރިވާ ކަންކަން އަހަރެމެންނަށް އެނގެނީ އެކަމެއް މެދުވެރިވުމުންނެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭނެ ކަމަކީ ކޮންމެ ދުވަހަކުވެސް މެދުވެރިވަމުން ދާނީ އެމީހަކަށްޓަކައި ﷲ ތަޢާލާ މިންވަރު ކުރައްވަވާފައިވާ ކަންކަން ކަމެވެ. އެހެނީ އަހަރެމެންނަށް ނުއެނގުނު ނަމަވެސް މައިމީހާގެ ބަނޑުގައި ޚަލްޤް ކުރެއްވެވީންސުރެ ނުވަތަ ފުރާނަ އެޅުއްވެވީންސުރެ އެމީހެއްގެ ޙަޔާތުގައި ހިނގާނެ ހުރިހާ ކަމެއް ހިނގާނެ ސުން ސިކުންތާއިއެކު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. 

" ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!" (ބަޤަރާ: 155) 

"އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ހަޟްރަތަށް އެނބުރިދާނޭ ބައެކޭ ބުނާ މީހުންނެވެ." ( ބަޤަރާ: 156) 

އަހަރެމެންގެ މަސްއޫލިއްޔަތަކީ މުސްލިމެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ސާބިތުވުމެވެ. ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުންމަތީގައި ދެމިހުރުމެވެ. ސާބިތުކަމާއިއެކު ކެތްތެރިވެވިއްޖެނަމަ އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވެއެވެ. 

"އަދި ކަލޭގެފާނު ކެތްކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން، އިހްސާންތެރިންގެ ދަރުމަ، ﷲ ގެއްލެނި ނުކުރައްވާނެތެވެ." (ހޫދު: 115) 

ކެތްތެރިކަންމަތީގައި ސާބިތުވުމުން ދެއްވަވާނެ ދަރުމައިގެ ބޮޑުކަން މިއާޔަތުން އެނގިގެން އެބަދެއެވެ. އެމީހަކު ގެއްލެނި ނުކުރައްވަވާނެ ކަމުގެ ވަޙީ ބަސްފުޅަށްވުރެ އިތުރަށް ބޭނުންވާނެ އެއްވެސް ޔަޤީންކަމެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

ދެން މިބުނަނީ މިރޭ ބުނަން ބޭނުންވި ވާހަކައެވެ. ކޮންމެ ފަދަ ކަންބޮޑުވުމެއްގައި އުޅެންޖެހުނު ނަމަވެސް ނަމާދުކުރުން ދޫކޮށް ނުލާށެވެ! ނަމާދަށް ފަރުވާކުޑަ ނުކުރާށެވެ! އެހެނީ މިއާޔަތުން އެނގޭ ފަދައިން ވާގިއެދެން ޖެހެނީ ކެތްތެރިކަމާއިއެކު ނަމާދުކުރުމުންނެވެ. ކެތްތެރިކަމާއި ނަމާދުން ވާގިއެދޭނަމަ ހަމަކަށަވަރުން އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން މިއާޔަތުން އެނގޭތީއެވެ. 

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." (ބަޤަރާ: 153)

މިއާޔަތަކީ އެންމެންވެސް ވަރަށް ރައްޓެހި އާޔަތެކެވެ. ނަމަވެސް އަމަލުކުރުމުގައި އެހައި ރައްޓެހިކަމަށް ބުނަން އުނދަގުލެވެ. އެހެނީ ފަށަމުން ބުނިފަދަ ކަންބޮޑުވާން ޖެހޭ ޙާލަތެއް ކުރިމަތިވުމުން ގިނަ ބައަކަށް ނަމާދުކުރުމަށް ފަރުވާކުޑަކުރެވެއެވެ. ޚާއްޞަކޮށް ޖަމާޢަތުގައި ނަމާދުކުރުމަށެވެ. މިފަދައިން އަމަލުކުރެވޭނަމަ އެދެވެނީ ނަމާދުން ވާގިއެދުމާއި ދުރަށެވެ. ނަމަވެސް ކާމިޔާބު ލިބެން މިއޮތީ ކެތްތެރިކަމާއިއެކު ނަމާދުން ވާގިއެދިގެންނެވެ. 

ކެތްތެރިކަމާއިއެކު ނަމާދުން ވާގިއެދޭ މީހުންނާއިމެދު ﷲ ތަޢާލާ ވަހީ ކުރައްވަވާފައިވާ މި ބަސްފުޅު ހިތަށް ގެންނާށެވެ! 

"އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން މަޣްފިރަތާއި ރަހްމަތް އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ." (ބަޤަރާ: 157) 

މީސްތަކުންނޭވެ! ދުނިޔޭގައި ދިމާވާނެ ހުރިހާ މައްސަލަތަކެއްގެ ޙައްލުވެސް ވަނީ ހަމަ ނަމާދުކުރުމުގައެވެ. ވީމާ ކަންބޮޑުވުން އިތުރުވާވަރަކަށް ސަޖިދަކުރުން ގިނަކުރާށެވެ! ޙައްލު ފެންނާނެކަން މި ބަޔާން ކުރި އާޔަތްތަކުން އެނގިގެންދެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން