ޅިޔަން ފަހަރިންނަށް ނޫމާން ޢަލީ ޚާންގެ ވަރުގަދަ އިންޒާރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޅިޔަން ފަހަރިންނަށް ނޫމާން ޢަލީ ޚާންގެ ވަރުގަދަ އިންޒާރެއް!

ބައެއް މީހުން އައިސް އެބަ ބުނެއެވެ. "އަހަރެންގެ ދަރިފުޅު މަރުވެއްޖެއެވެ. އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ އަހަރެންގެ ޅިޔަނުން، ފަހަރިން ބުނަނީ އެއީ އަހަރެންގެ ނުބައިކަމުން މެދުވެރިވި ކަމެއް ކަމަށެވެ." 

މިފަދަ ބަހެއް އެއްވެސް މީހަކު ބުނެފިނަމަ އެބަސް އެމީހަކަށް ރައްދުކުރާށެވެ. ބުނާށެވެ! "ތިއަހެން ތިއަ ބުނަނީ ތިބާގެ ހުރި ނުބައިކަންބޮޑުކަމުންނެވެ." 

އެއްވެސް ކަމެއް މެދުވެރިވަނީ އެމީހެއްގެ ހުރި ނުބައިކަމުން ކަމަށް ބުނެގެން ނުވާނެއެވެ. މީހަކު ނުބައިކަމެއް ޤަޞްދުގައި ކުރުމުން މެނުވީ އެފަދަ ބަހެއް ބުނެގެން ނުވާނެއެވެ. އެހެނީ ކިތަންމެ ބާރު ގަދަ މީހެއް ނަމަވެސް އަދި ކިތަންމެ ނުބައި މީހެއް ނަމަވެސް ތަޤްދީރުގެ މައްޗަށް އެއްވެސް މީހަކަށް ބާރެއް ނުހިންގޭނެއެވެ. ވީމާ ޤުދްރަތީ މަރަކުން ކުއްޖަކު ނުވަތަ މީހަކު މަރުވުމުން އެއީ މިވެނި މީހެއްގެ ކިބައިގައި ހުރި ނުބައިކަމުން ކަމަށް ބުނުމަކީ ކިހިނަކުން ކުރެވިގެންވާނެ ކަމެއް ހެއްޔެވެ؟ 

ހިތާމައަކީ ދެރަކަމެއް މެދުވެރިވުމުން މިފަދަ ބަސްތައް ބުނެވޭކަމެކެވެ. ޚާއްޞަކޮށް ބައެއް ޅިޔަން ފަހަރިންނަކީ މިފަދަ ބަސްތައް ބުނުމުގައި ވަރަށް ކުރީގައި ތިބޭ ބައެކެވެ. ހަމައެކަނި ބަސްތައް ބުނަނީއެއްވެސް ނޫނެވެ. ބައެއް ފަހަރު ޝައިޠާނެއްގެ ދަރަޖް ދީ ޢާއިލާއިން ބާކީވެސް އެބަކުރެއެވެ. މިއީ ކިހިނަކުން ކުރަން ހުއްދަވާނެ ކަމެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! މިކަންކަމަށް ވިސްނާށެވެ! ނުބައިކަމެއް މީހެއްގެ ކިބައިން ނުފެންނަހައި ހިނދަކު އެއްވެސް މީހަކީ ނުބައި މީހެއްކަމަށް ނުބުނާށެވެ! އެކަމުން ގެއްލުން ލިބޭނީ އެހެން ބުނާ މީހަކަށެވެ. ޙައްޤަކާއި ނުލައި މީހެއްގެ ބޮލުގައި އިލްޒާމް އަޅުވައި ހިތުގައި ޖައްސައިފިނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ދުވަސް އޮތީ ކުރިއަށް ކަމަށް ވިސްނައި ބިރުވެތިވާށެވެ!

 

- ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން