ދަރިން ނަރަކައިން ސަލާމަތްކުރަންވެސް، ބާއްޖަވެރި ޒަވާޖީ ހަޔާތެއް ހޯދައިދިނުމަށްވެސް އެންމެ މުހިންމީ އިއްފަތްތެރިކަން ޙިމާޔަތްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 13ސ
ދަރިން ނަރަކައިން ސަލާމަތްކުރަންވެސް، ބާއްޖަވެރި ޒަވާޖީ ހަޔާތެއް ހޯދައިދިނުމަށްވެސް އެންމެ މުހިންމީ އިއްފަތްތެރިކަން ޙިމާޔަތްކުރުން!

ދަރިންނަށްޓަކައި މައިން ބަފައިން ކޮށްދޭން ޖެހޭ އެންމެ މުހިންމު ކަމަކީ ނަރަކައިން ސަލާމަތްކުރުމެވެ. ދެވަނަ ކަމަކީ ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށް މަގުފަހިކޮށްދިނުމެވެ. މި ދެ ކަންތައް ކޮށްދިނުމަށްޓަކައިވެސް ކުރަން ޖެހޭ އެންމެ މުހިންމު އެއްކަމަކީ ދަރިންގެ އިއްފަތްތެރިކަން ޙިމާޔަތްކުރުމެވެ. އެކަމަށް ދަރިން ހޭލުންތެރިކުރުވުމެވެ. 

އަދިވެސް ބައެއް މައިން ބަފައިން ދެކެނީ ދަރިން ބާލިޣްވުމުން ޖިންސީ ގުޅުން ހިންގުމާއިމެދު ހޭލުންތެރިކުރުވުމަކީ ލަދުވެތިކަމެއްގެ ގޮތުގައެވެ. ނަމަވެސް އެކަން އެގޮތަށް ބާއްވައިގެން ތިބެވެން ނެތްކަން މިސަރވޭއިން އެނގިގެން އެބަދެއެވެ. 

މޮރޮއްކޯގެ މުސްލިމް އަންހެނުންގެ މެދުގައި ކުރެވުނު ސަރވޭއަކުން އެނގުނު ގޮތުގައި ޢިއްފަތްތެރިކަން ސަލާމަތްކުރަން އެމީހުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ މައިންބަފައިންގެ ކިބައިންނެވެ. ޢިއްފަތްތެރިކަން ޙިމާޔަތް ކުރުމުގެ މުހިންމު ކަމާއި ޢިއްފަތްތެރިކަން ޙިމާޔަތްކުރުމުން ޤިޔާމަތް ލިބޭނެ މަތިވެރި ދަރަޖަ ވިސްނައިދިނުމުން ކަމަށެވެ. އަދި ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމުން ލިބިދާނެ ގަދަފަދަ ޢަޒާބަށް ބިރުވެތިކުރުވުމުންނާއި އެކަމުގެ ސަބަބުން ކައިވެނީގެ ދިރިއުޅުމަށް ލިބިދާނެ ގެއްލުން ވިސްނައިދިނުމުން ކަމަށެވެ. 

މައުލޫމާތު ދިން ގިނަ އަންހެނުން ބުނެފައިވަނީ ކައިވެނީގެ ކުރިން އެމީހުންގެ މައިން ބަފައިން އެމީހުން ކޮންޓްރޯލްކޮށް ގޭގައި ބޭތިއްބުމަށް ކުރި ކަންކަމާއި ގުޅިގެން އެއިރު ހިތްހަމަނުޖެހުނު ކަމަށެވެ. މިނިވަންކަމަށް ހުރަސްއަޅާކަމަށް ވެސް ޤަބޫލުކުރެވުނު ކަމަށެވެ. ނަމަވެސް ކައިވެންޏަށްފަހު މައިންބަފައިން އެއިރު އެޅި ފިޔަވަޅުތަކަށް ތަޢްރީފްކުރާ ކަމަށެވެ. އަދި އެކަންކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. 

ޢިއްފަތްތެރިކަން ހިމާޔަތްކުރުން ކަމަށް ބުނުމުން ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެދެކެވެނީ ހަމައެކަނި އަންހެންދަރިންގެ ވާހަކަ ކަމަށެވެ. ނަމަވެސް ޢިއްފަތްތެރިކަން ޙިމާޔަތްކުރުން އޮތީ ފިރިހެނުންނަށާއި އަންހެނުންނަށެވެ. ވަކިޖިންސަކަށް ނޫނެވެ. ފާފަކުރުމުން ޢަޒާބު ލިބުމުގައި އަނހެނުންނާއި ފިރިހެނުންވެސް ހަމަހަމައެވެ. 

މިކަމަށް އެއްބަސްވާން ގިނަ ބައަކަށް އުނދަގޫވެދާނެއެވެ. ނަމަވެސް މި ބުނަނީ މިކަން ހިނގަމުން އަންނަ ގޮތެވެ. 

ވަރަށް ގިނަ އަދަދެއްގެ ކައިވެނި ރޫޅެން މެދުވެރިވާ އެއް ސަބަބަކީ ކައިވެނީގެ ކުރިން ފިރިހެން މީހާ އެތައް ބައަކާއިއެކު ޖިންސީ ގުޅުން ހިންގާފައިވުމެވެ. އެހެންކަމުން އަނބިމީހާ އަކީ މުހިންމު މީހަކަށް އޭނާއަށް ނުވުމެވެ. މިޙާލަތުގައި އަނބިމީހާއަކީ ޢިއްފަތްތެރިއެއް ކަމަށްވީނަމަވެސް އެކަމުން ކުރަން ޖެހޭ ފައިދާ ކައިވެނީގެ ޙަޔާތަކަށް ނުކުރެއެވެ. އަދި ކަން ދިމާވާގޮތުން އަނބިމިހާއަކީ ކައިވެނީގެ ކުރިން ޖިންސީ ގުޅުން ހިންގާފައިވާ އަންހެނަކަށްވެފައި ފިރިމީހާއަކީ އެފަދަ އަމަލެއް ނުކުރާ މީހަކު ކަމުގައިވީނަމަވެސް އެކަމުން ކުރަން ޖެހޭ ފައިދާ ކައިވެނީގެ ޙަޔާތަކަށް ނުކުރެއެވެ. 

ވީމާ ޢިއްފަތްތެރިކަން ޙިމާޔަތްކުރުމުގައި އަންހެނުން ވެސް އަދި ފިރިހެނުން ވެސް ސަމާލުކަން އިތުރުކުރަން އެބަ ޖެހެއެވެ. ހަމަ އެއާއިއެކު އެކަމަށް ދަރިންގެ ހޭލުންތެރިކަން އިތުރުކުރުވަން އެބަޖެހެއެވެ. އެފަދަ ވާހަކަތައް ދަރިންނާއި ދައްކަން ލަދުގަންނަ ބެލެނިވެރިން ކުރަން އޮތް ކަމަކީ އެފަދަ މައްސަލަތަކުގައި ދީނީ ޢިލްމުވެރިން ދެއްވާފައިވާ ދަރުސްތައް ކުދިންނަށް އަޑުއިއްވުމެވެ. 

ތިމާ ނަރަކައިން ސަލާމަތްވާން މަސައްކަތްކުރާ ފަދައިން ތިމާގެ ދަރިންވެސް ނަރަކައިން ސަލާމަތްކުރަން މަސައްކަތް ކުރުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. އެމަސައްކަތް ކުރެވުނު މިންވަރަކާއިމެދު ކޮންމެ ބެލެނިވެރިއަކާއިވެސް ސުވާލު ކުރައްވަވާނެކަން އެއީ ޔަޤީންކަމެކެވެ. 

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސް ތަކާއި، ތިއަބައިމީހުންގެ އަހްލު ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ." (އިބްރާހީމް 6)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން