އެކުގައި ރީތިގޮތުގަ ދިރިނުއުޅެވޭނެ ނަމަ 3 ވަނަ ފަހަރު ކައިވެނި ކުރުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އެކުގައި ރީތިގޮތުގަ ދިރިނުއުޅެވޭނެ ނަމަ 3 ވަނަ ފަހަރު ކައިވެނި ކުރުމެއް ނެތް!

ކައިވެނި ކުރަނީ ދެމީހުން ގުޅިގެން ރިވެތި ގޮތުގައި ދިރިއުޅުމަށެވެ. ނަމަވެސް މައްސަލަތައް ކުރިމަތިވުމުން ވަރިކުރެއެވެ. މިގޮތުން ވަރިކުރުން އޮތީ 2 ފަހަރުއެވެ. އެއަށްފަހު "ދެންއޮތީ ހެޔޮގޮތުގައި (އެކަނބަލުންނާ) އިނދެގެން އުޅުމެވެ. ނުވަތަ ހެޔޮކޮށް ހިތުމާއެކު (އެކަނބަލުން) ދޫކޮށްލުމެވެ." 

ވަރިކުރުން އޮތީ ދެފަހަރުއެވެ. ދެންއޮތީ ހެޔޮގޮތުގައި (އެކަނބަލުންނާ) އިނދެގެން އުޅުމެވެ. ނުވަތަ ހެޔޮކޮށް ހިތުމާއެކު (އެކަނބަލުން) ދޫކޮށްލުމެވެ. އަދި، އެ ދެމީހުން، ﷲ ކަނޑައަޅުއްވާފައިވާ ޙުކުމް ތައް ޤާއިމް ނުކުރެވިދާނެކަމަށް ބިރުގަންނަނަމަ މެނުވީ، އެކަނބަލުންނަށް ތިއަބައިމީހުން ދީފައިވާ ތަކެތީގެ ތެރެއިން އެއްޗެއް ތިއަބައިމީހުން އަތުލުން ތިއަބައިމީހުންނަކަށް ހަލާލް ވެގެނެއް ނުވެއެވެ. ﷲ ކަނޑައަޅުއްވާފައިވާ ޙުކުމްތައް އެ ދެމީހުންނަށް ޤާއިމް ނުކުރެވޭނެކަމަށް ތިއަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބުލޭގެ ވަރިވުމަށް އެއްޗެއް ދިނުމާއި، ދިންއެއްޗެއް ހިފުމުގައި، އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އެއީ (އެކަންކަމާމެދު) ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ، އެ އިންތައް ފަހަނަޅައި ތިއަބައިމީހުން ނުދާށެވެ! އަދި ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ އަނިޔާވެރިންނެވެ." (ބަޤަރާ: 229) 

ހިތާމައަކީ ކައިވެނީގެ މުހިންމުކަމާއި އެކުގައި ރުހި، ގުޅިގެން އުޅުމުގެ މުހިންމުކަން ގިނަ ބައަކަށް ނުއެނގޭތީއެވެ. ނުވަތަ ޤަބޫލުނުކުރެވޭތީއެވެ. 

ދެވަނަ ފަހަރަށް ވަރިކުރަން ޖެހިއްޖެ ނަމަ 3 ވަނަ ކައިވެނި ކުރުމުގެ ކުރިން ވަރަށް ބޮޑަށް 2 މީހުންވެސް ވިސްނަންވާނެއެވެ. 3 ވަނަ ފަހަރު ވަރިކުރަން ނުޖެހި ނުވަތަ ވަރިވާން ނުޖެހި އުޅެވިދާނެކަމުގެ ޔަޤީންކަން ލިބިގަތުމަށްޓައި 2 މީހުންގެ މެދުގައި ވަރަށް ރަނގަޅަށް މަޝްވަރާކުރަންވާނެއެވެ. ފުރިހަމަ އެއްބަސްވުމަކަށް ނާދެވޭނެ ނަމަ އޮތީ 3 ވަނަ ފަހަރު ކައިވެނި ނުކުރުމެވެ. 

މިއީ އަހަރެން ބުނާ ބަހެއް ނޫނެވެ. އަހަރެން މިކުރި ކަމަކީ ހަމައެކަނި ﷲ ތަޢާލާގެ ވަޙީ ހަނދުމަކޮށްދިނުމެވެ. ހޭލުންތެރި ކުރުވަން މަސައްކަތްކުރުމެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާގެ ވަޙީއަށް އަމަލުކުރުމުން މެނުވީ ޙަޤީޤީ ކާމިޔާބީއެއް ނުލިބޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން