އެއްވެސް ކަމެއްގައި މާޔޫސް ނުވެ ހުރެވޭނެ ހަމައެކަނި ގޮތް އެނގޭހެއްޔެވެ؟: ނޫމާން ޢަލީ ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
އެއްވެސް ކަމެއްގައި މާޔޫސް ނުވެ ހުރެވޭނެ ހަމައެކަނި ގޮތް އެނގޭހެއްޔެވެ؟: ނޫމާން ޢަލީ ޚާން

އަހަރެމެން ދުޢާކުރަންވީ ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ފަދައިންނެވެ. ޙަދީޘްފުޅުތަކުން އެނގެން ހުރި ކަންކަމަށް ބަލައިގެންނެވެ. މިފަދަ އެއްވެސް ދުޢާއެއްގައި ދުނިޔޭގެ ނިޒާމް ބަދަލުކޮށް ދެއްވެވުމަށް އެދި ދުޢާކުރެވިފައެއް ނުވާނެއެވެ. އެންމެ ގިނައިން ދުޢާ ކުރެވިފައި ވާނީ އެމީހަކަށް ބޮޑުވެފައިވާ ކަންކަން އެމީހަކަށް ހިންމަވައި ދެއްވެވުން އެދިއެވެ. އެމީހަކު ޙާޏޞީލުކުރަން ބޭނުންވާ ލަނޑުދަނޑި އެމީހަކަށް ޙާޞިލުކޮށްދެއްވެވުން އެދިއެވެ. 

މިސާލަކަށް ބުނާނަމަ މީހަކު ކަނޑުވުމުން ކަނޑު ހިއްކަވައިދެއްވެވުން އެދި ދުޢާކުރުމެއް ނެތެވެ. އޮތީ އެ މުޞީބާތުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާ ކުރުމެވެ. ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި މުޅި ކަނޑު ހިއްކަވައި ނުދެއްވަވަންވީ އެއްވެސް ސަބަބެއް ނެތެވެ. އެހެނީ ﷲ ތަޢާލާއީ ކޮންމެ ކަމަކަށް ވެސް ކުޅަދުންވަންތަ އިލާހް އެވެ. 

އިބްރާހީމްގެފާނަށްޓަކައި އަލިފާނަކީ އަރާމު އެއްޗަކަށް ބަދަލުކޮށްދެއްވެވި ކަލާނގެ ކަމަށްވުމުން އެކަންވެސް ބައެއް މީހުން ފާހަގަކުރެއެވެ. ހިތާމައަކީ އިބްރާހީމްގެފާނުގެ ހުރި އީމާންތެރިކަން ނުގެނެވޭތީއެވެ. ﷲ ތަޢާލާ ޖިބްރީލްގެފާނު ފޮނުއްވަވައި އެއްވެސް ކަމެއް ބޭނުންފުޅުތޯ ނޫނީ ބޭނުންފުޅުވަނީ ކޮން ކަމެއްތޯ ސުވާލު ކުރެއްވެވެވުމުން ﷲ ތަޢާލާ ނޫން ފަރާތަކުން އެއްވެސް ކަމެއް ބޭނުންފުޅު ނުވާކަމަށާއި ހަމައެކަނި ﷲ ތަޢާލާއިން ފުދިވަޑައިގަންނަވާ ކަމަށް ވިދާޅުވިކަން ހަނދާނުގައި ނުހުންނާތީއެވެ. 

މީސްތަކުންނޭވެ! ދުނިޔޭގެ ނިޒާމް ބަދަލުކުރަން މަސައްކަތް ނުކުރާށެވެ! އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މަސައްކަތް ކުރަންވީ އެމީހަކު ބަދަލުވުމަށެވެ. އެމީހަކަށް ކުރެވޭ ނުބައި އަމަލުތައް ކުރުން ހުއްޓައިލުމަށެވެ. އެމީހެއްގެ ތަޤްވާވެރިކަން އިތުރުކުރުމަށެވެ. ދުޢާކުރަންވީ އެކަންކަން އެމީހަކަށް ހިންމަވައި ދެއްވެވުން އެދިއެވެ. 

މިގޮތުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އަބަދުވެސް ކިޔަމަންތެރިވުމެވެ. ވާންވީ އަބަދުވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ގޮސްގޮސް ހުންނަ މީހަކަށެވެ. ހަމަ އެކަނި މުޞީބާތެއް ޖެހުމުން ﷲ ތޢާލާގެ ޙަޟްރަތަށް ދާ މީހަކަށް ވެގެން މައްސަލަތަކަށް ހައްލެއް ނުފެނިދާނެއެވެ. 

ވަރަށް ޔަޤީންކަމާއިއެކު ބުނަމެވެ. އެމީހާގެ އެންމެ ގާތް މިތުރަކީ އަދި ބައިވެރިއަކީ ﷲ ތަޢާލާ ކަމަށް ޤަބޫލުކޮށް އެގޮތަށް އަމަލުކުރަމުން ގެންދާ މީހަކަށް ދުވަހަކުވެސް މާޔޫސްވާކަށް ނުޖެހޭނެއެވެ. އެމީހަކާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާ ކަމުގެ ފުރިހަމަ ޔަޤީންކަން އެފަދަ މީހުންނަށް އަބަދުވެސް އޮންނާނެއެވެ. 

މައްސަލައަކީ ތިމާއަށް ބޭނުންވާ ކަންކަން ފުދިގެން ހުންނައިރު ﷲ ތަޢާލާގެ މަތިން ހަނދާން ނުހުންނަކަމެވެ. ކުޅިވަރާއި މަޖަލުގައި ޙަޔާތް ވޭތިކުރަމުން ގެންދެވޭ ކަމެވެ. ﷲ ތައާލާގެ މަތިން ހަނދާންވަނީ ހަމައެކަނި މުޞީބާތެއް ކުރިމަތިވުމުން ކަމެވެ. 

ވީމާ ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައިގެން ކަންބޮޑުވާ މީހުން މިބުނި ކަންކަމަށް ވިސްނާށެވެ! ޙައްލު ފެންނާނެއެވެ! އިން ޝާ ﷲ! 

- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން