ދުނިޔޭގެ ކޮންމެ ތަނެއްގަ ހުރި މީހަކު ލާ އެސްފީނާގެ އަސަރުވެސް ކޮށްފާނެ! ސޯޝަލް މީޑިއާގަ އަމިއްލަ ކަންކަން ހާމަކުރަން ބިރުވެތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދުނިޔޭގެ ކޮންމެ ތަނެއްގަ ހުރި މީހަކު ލާ އެސްފީނާގެ އަސަރުވެސް ކޮށްފާނެ! ސޯޝަލް މީޑިއާގަ އަމިއްލަ ކަންކަން ހާމަކުރަން ބިރުވެތިވޭ!

ބައެއް މީހުން ސޯޝަލް މީޑިއާއަށް މިހާރު ދެވި ހިފާފައިވާވަރުން އިރުއިރުކޮޅުން ކޮންމެވެސް ވާހަކައެއް ހާމަ ނުކުރެވުނު ނަމަ އެއީ ނިކަމެތިކަމެއް ކަމަށް އެބަ ދެކެއެވެ. އެހެންކަމުން ތިމާ ކުރާ އަޅުކަމާއި ދެއްވަވާ ނިޢްމަތްތަކުގެ ވާހަކަވެސް ގެންދަނީ ހަމަ ވަގުތުން ހާމަކުރަމުންނެވެ.  

މިއީ ކުރިންވެސް ބުނާ ފަދައިން ވަރަށް ނުރައްކާތެރި ކަމެކެވެ. ސޯޝަލް މީޑިއާގައި ހާމަކުރެވޭ ކޮންމެ ކަމަކީ މުޅި ދުނިޔެއަށް ކުރެވޭ އިޢުލާނެކެވެ. މިފަދަ ކޮންމެ ޕޯސްޓަކާއި ގުޅިގެން ހިތްވަރުދީ ހެޔޮ ދުޢާ ކުރާނެ މީހުންނަށްވުރެ ގިނަވާނީ ހަސަދަލައި އެސްފީނާ އަޅާނެ މީހުންނެވެ.  

އެސްފީނާގެ އަސަރުކުރާނީ ހަމައެކަނި އެމީހަކު ދަންނަ ނުވަތަ ރައްޓެހިން އެސްފީނާލުމަކުން ނޫނެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެ މީހަކު އެސްފީނާ ލީ ނަމަވެސް އެކަމުގެ އަސަރު އެމީހަކަށް ކޮށްފާނެއެވެ. ވީމާ މިއީ ވަރަށް ބިރުހުރި ކަމެކެވެ.  

މީސްތަކުންނޭވެ! ޤިޔާމަތް ދުވަހު ތިބާ ދާނީ ތިބާގެ ސޯޝަލް މީޑިއާ ޕޭޖް ހިފައިގެނެއް ނޫނެވެ. ނަމަވެސް ތިބާ އެ ޕޭޖުގައި ކުރި ނުބައި ކަންކަމާއި ރަނގަޅު ކަންކަމަށް ﷲ ތަޢާލާ ޖަޒާ ދެއްވަވާނެތެވެ. ވީމާ ސޯޝަލް މީޑިއާ ޕޭޖަކީވެސް ތިމާއަށް ޤިޔާމަތް ދުވަހު ފައިދާކުރާނެ ޕޭޖަކަށް ހަދާށެވެ!  

މީސްތަކުންނަށް ހެޔޮ ނަޞޭޙަތްދޭށެވެ! އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރާށެވެ! އެހެން މީހުންނަށް ފައިދާ ކުރާނެ އަދި ޢިބްރަތަކަށް ވާނެ ކަންކަން ޙާމަކޮށްދީ މީސްތަކުން ހޭލުންތެރިކުރުވަން މަސައްކަތްކުރާށެވެ! އެއިރުން ޤިޔާމަތް ދުވަހު އެމީހަކަށް އެކަމުން ފައިދާކުރާނެއެވެ.  

ލައިކް ކުރަންވީ ފިތުނަ އުފެދޭނެ، ގެއްލުން ހުރި ޕޯސްޓްތަކަކަށް ނޫނެވެ. މީސްތަކުންނަށް ފައިދާކުރާނެ ޕޯސްޓް ތަކަށެވެ. އިސްލާމް ދީނަށް މަތިވެރިކަން ލިބޭނެ ޕޯސްޓްތަކަށެވެ. އެއިރުންވެސް ތިމާގެ ސަބަބުން އެފަދަ ޕޯސްޓްތައް ގިނަ ބައަކަށް ފެނި އެކަމުގެ ފައިދާ ކުރާނެއެވެ. އިން ޝާ ﷲ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން