"އެންމެ މަތިވެރި ނުވަތަ އެންމެ ރަނގަޅު މީހުންނަކީ އެމީހުންގެ ހެޔޮކަމުގެ ބަދަލު ޤިޔާމަތް ދުވަހުން ލިބުމަށް އުންމީދުކުރާ އަދި އެމީހާގެ ނުބައިކަމުން އެހެން މީހުން ސަލާމަވެފައިވާ މީހުންނެވެ. އެންމެ ނުބައި މީހުންނަކީ އެމީހުން ކުރާ ހެޔޮ އަމަލުތަކަށް މިދުނިޔޭގައި ބަދަލު ލިބެން އެދޭ އަދި އެމީހެއްގެ ނުބައިކަމުން އެހެން މީހުން ސަލާމަތްވެގެން ނުވާ މީހުންނެވެ."

މި ޙަދީޘްފުޅުން އެނގެނީ އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށްދޭން ޖެހޭނީ އެކަމުގެ ބަދަލު މިދުނިޔޭގައި ލިބުމަށް ނޫން ކަމެވެ. ކޮންމެ މީހަކަށް ކޮންމެ ކަމެއްވެސް ކޮށްދޭން ޖެހޭނީ އެކަމުގެ ޘަވާބު އާޚިރަތުގައި ލިބުމަށް އެދިގެން ކަމެވެ.
މީގެ ތެރޭގައި ތިމާގެ އަނބިދަރިން ވެސް ހިމެނެއެވެ. އަނބިންނަށް ކަންކަން ކޮށްދޭން ޖެހޭނީ އަނބިމީހާގެ ކިބައިން ބަދަލުގައި ކަންކަމަށް އުންމީދުކޮށްގެނެއް ނޫނެވެ. ދަރިންނަށް ކަންކަން ކޮށްދޭންވީ އެކުދިން ބޮޑުވުމުން ތިމާއަށް އެހީތެރިވާނެ ކަމަށް އުންމީދުކޮށްގެންނެއް ނޫނެވެ. އެކަންކަމަށް އުންމީދު ނުކުރުމުން ތިބާ ކުރާ ހެޔޮ އަމަލުގެ ޖަޒާ ތިބާއަށް މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ! އަދި އެކަންކަމަށް އުންމީދު ކުރުމުން އެންމެ ނުބައިމީހުންގެ ތެރޭގައި އެމީހަކު ހިމެނިދާނެ ކަމަށް ބިރުވެތިވާށެވެ!