ﷲ އާ ރަސޫލް (ޞޢވ) ދެކެ ލޯބިވެގެން ސުވަރުގެ ވަދެވެން އޮތްއިރު އެކަން ކުރަނީ ކިހާވަރަކަށް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ﷲ އާ ރަސޫލް (ޞޢވ) ދެކެ ލޯބިވެގެން ސުވަރުގެ ވަދެވެން އޮތްއިރު އެކަން ކުރަނީ ކިހާވަރަކަށް ހެއްޔެވެ؟

އެއްދުވަހަކު ޞަޙާބީ ބޭކަލަކު ރަސޫލް (ޞޢވ) އަށް ދެންނެވިއެވެ. "ޤިޔާމަތްވާނީ ކޮން އިރަކުތޯއެވެ؟" 

ޖަވާބުގައި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ ވެސް ސުވާލެކެވެ. "އެކަމަށް ތައްޔާރުވާން ތިބާ ކުރީ ކޮން ކަމެއް ހެއްޔެވެ؟" 

ޖަވާބުގައި ޞަޙާބީ ދެންނެވިއެވެ. "ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ (ޞޢވ) އަށް ލޯބިކުރުން ފިޔަވައި އިތުރު ކަމެއް ނުކުރަމެވެ." 

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "(ޤިޔާމަތް ދުވަހު) ތިބާ ވާނީ ތިބާ ލޯބިވީ ބައަކާއިއެކުގައެވެ." ރަސޫލް (ޞޢވ) މިމޭރުމުން ޙަދީޘްފުޅު ކުރެއްވެވުން ވެގެން ދިއައީ ޞަޙާބީންނަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އުފާފުޅު ކަމުގައެވެ. 

މި ޙަދީޘްފުޅަކީ އެންމެންނަށްވެސް އެނގޭ ވަރަށް އެނގޭ ޙަދީޘްފުޅެކެވެ. ދީނީ ޢިލްމުވެރިން ތާއަބަދު ތަކުރާރުކުރައްވަވަމުން ގެންދަވާ ޙަދީޘްފުޅެކެވެ. 

މީސްތަކުންނޭވެ! މި ޙަދީޘްފުޅުން އެނގެން މިއޮތީ ﷲ ތަޢާލާ އާއި ރަސޫލް (ޞޢވ) ދެކެ ލޯބިވެގެން ސުވަރުގެ ވަދެވެން އެބަ އޮތްކަމެވެ. ސުވާލަކީ މިކަން އެނގެން އޮތްއިރު އެކަން ކުރަނީ ކިހާވަރަކަށް ހެއްޔެވެ؟ 

ގިނަ ބައަކު ނަގަނީ ހަމަ އެކަނި ލަފްޒީ މާނައެވެ. އެހެންވެ ކޮންމެ މީހަކު ވެސް އެމިހާ ރަސޫލް (ޞޢވ) ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށް ބުނާނެއެވެ. ނަމަވެސް އެވަރަކުން ނުފުދެއެވެ. އެކަން އަމަލުން ދައްކަން ޖެހޭނެ އެވެ. ޢަމަލުން ދެއްކުމަކީ އިސްލާމް ދީނަށް ފުރިހަމައަށް ޢަމަލުކުރުމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ހުރިހާ ކަމެއް ކުރަމުން ގެންދިއުމެވެ. ނަހީ ކުރެއްވެވި އެންމެހައި ކަންކަމުން ދުރިހެލިވެގެން ހުރުމެވެ. ހަމަ އެއާއިއެކު ރަސޫލް (ޞޢވ)ގެ ސުންނަތަށް ތަބަޢަވެ ޙަދީޘްފުޅުތަކަށް ޢަމަލުކުރަމުން ގެންދިއުމެވެ. 

މި ޙަދީޘްފުޅުގައިވާ ފަދައިން "ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ (ޞޢވ) އަށް ލޯބިކުރާ" ކަމަށް ވާނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން