ކެހިލިބުމުން ކަންބޮޑުވީ ހެއްޔެވެ؟ މަކަރުވެރި ރޭވުން ރޭވީ ﷲ އަށްވުރެ މޮޅަށް ތަދުބީރުކުރެވޭނެ ކަމަށް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ކެހިލިބުމުން ކަންބޮޑުވީ ހެއްޔެވެ؟ މަކަރުވެރި ރޭވުން ރޭވީ ﷲ އަށްވުރެ މޮޅަށް ތަދުބީރުކުރެވޭނެ ކަމަށް ހެއްޔެވެ؟

އެކިއެކި ކަންކަމުގައި މަކަރު ހެދުން ދަނީ އިތުރުވަމުންނެވެ. މަކަރުހަދާފައި ނުހަދާ ކަމެއް ނެތެވެ. ޢާއިލާތަކުގެ ތެރޭގައިވެސް މަކަރުވެރިކަމެވެ. ވިޔަފާރީގައިވެސް މަކަރުވެރިކަމެވެ. ސިޔާސީ ކަންކަމުގައިވެސް މަކަރުވެރިކަމެވެ. މޮޅަށް ރޭވުންތައް ރާވައިގެން ކޮންމެ ފަދަ ނުބައިކަމެއް ކޮށްގެންވެސް ބަލަނީ އެމީހަކު ބޭނުންވާ ގޮތަށް ކަންކަން ޙާޞިލުކުރެވޭތޯއެވެ. 

މީސްތަކުންނޭވެ! މަކަރުވެރި ރޭވުންތައް ނުރާވާށެވެ! އެކަން ތިމާ އާއި ބައްދަލުކުރާނެ ސިފަ ނުވެސް އެނގޭނެއެވެ. ބޮޑެތި ގެއްލުންތައް ތިމާ އާއި ބައްދަލުކުރާއިރު ގެއްލުން އެ ލިބެނީ ތިބާ ކުރި މިވެނި ކަމެއްގެ ސަބަބުން ކަމަށް ބުނާ އަޑެއް ނުއިވޭނެއެވެ. ފެންނާނީ ލިބުނު ބޮޑު ގެއްލުމެވެ. އެކަމުން ސަލާމަތް ވެވޭނެ ގޮތެއްވެސް ނުއޮންނާނެއެވެ. ﷲ ތަޢާލާ ސަލާމަތްކޮށްދެއްވެވުމުން މެނުވީއެވެ. 

ރާވާ މަކަރުވެރި ރޭވުމަކުން މިދުނިޔޭގައި ފަހަރެއްގައި ކޮންމެވެސް މިންވަރެއްގެ ކާމިޔާބީއެއްވެސް ޙާޞިލުކުރެވިދާނެއެވެ. ނަމަވެސް އެކަން ވެގެންދާނީ ހަމަ ވަގުތީ އުފަލަކަށެވެ. އިސާހިތަކު ބޮޑެތި މުޞީބާތްތައް އެމީހަކާއި ބައްދަލު ނުކުރާ މީހެއް ހަމަ ވަރަށް މަދުވާނެއެވެ. 

މަކަރާއި ހީލަތުން ތަނަވަސްކަން ހޯދާ މީހުންނާއި ސިޔާސީ މަޤާމުތައް ހޯދާ މީހުންނަށް ބެލުމުން މިކަންކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ދާދި ކުޑަ ދުވަސްކޮޅެއްގެ އުފަލަށްފަހު ދެން ކުރިމަތިލާން ޖެހޭ މުޞީބާތްތަކުން މިކަންކަން އެނގިގެންދެއެވެ. 

އިސްލާމް ދީނާއިމެދު މަކަރުވެރި ރޭވުންތައް ރާވާ މީހުން މިކަމަށް އިތުރަށް ބިރުވެތިވާން ޖެހޭނެއެވެ. އިސްލާމް ދީނަކީ އެންމެހައި މުސްލިމުންގެ ދީނެވެ. މުސްލިމުންގެ ދީނަކީ އިސްލާމް ދީން ކަމުގައި ވެފައި މިއޮތީ އެއްވެސް މީހަކު ކުރި ކަމަކުން ނޫނެވެ. ﷲ ތަޢާލާ އެގޮތަށް އެކަން ނިންމެވުމުންނެވެ. ވީމާ އިސްލާމް ދީނާއިމެދު މަކަރުވެރި ރޭވުންތައް ރާވާ މީހުން ބަލިކުރައްވަވާނެކަން ކީރިތި ޤުރްއާނުން މިއޮތީ ފެންނާށެވެ! 

"ކާފިރުވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު، ހަނދުމަކުރައްވާށެވެ! އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ. އަދި ﷲ (އެއުރެންގެ ރޭވުންތައް، ބާޠިލް ކުރައްވަވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) ތަދުބީރު ކުރައްވަވަތެވެ. ﷲ އީ، މަކަރުވެރިންނަށްވުރެ، ތަދްބީރު ކުރެއްވުން މޮޅު ރަސްކަލާނގެއެވެ." (އަންފާލް: 30)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން