މާފުކުރުމަކީ ދުޢާ ޢިޖާބަ ކުރެއްވެވުމަށް މަގުފަހިވާ ކަމެކެވެ! މާފުކުރަން ފަސްޖެހެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
މާފުކުރުމަކީ ދުޢާ ޢިޖާބަ ކުރެއްވެވުމަށް މަގުފަހިވާ ކަމެކެވެ! މާފުކުރަން ފަސްޖެހެނީ ކީއްވެ؟

ބައެއް މީހުންނަށް މާފުކުރުން ވަނީ ވަރަށް ބޮޑު ކަމަކަށެވެ. ނަމަވެސް އެމީހާއަށް މާފު ބޭނުންވެއްޖެ ނަމަ އެއްވެސް ޝަރުޠަކާއި ނުލައި ވަގުތުން މާފު ބޭނުންވެސް ވެއެވެ. މިއީ އަހަރެމެންގެ ކިބައިގައި ހުންނަ ވަރަށް އުނި ސިފައެކެވެ. 

އެންމެ ފުރަތަމަ މާފުކުރާ މީހަކަށް ވާން ޖެހޭނީ އެމީހެކެވެ. އެމީހެއްގެ ކިބައިގައި އެހެން މީހުންނަށް މާފުކުރުމުގެ ހިތްވަރު ނެތް މީހަކީ ވަރަށް ބޮޑު ފިނޑިއެކެވެ. ތިމާގެ ކިބައިގައި މާފުކުރުމުގެ ހިތްވަރު ނެތް މީހަކަށް ހަމަޖެހޭ ޢާއިލީ ދިރިއުޅުމެއްވެސް ނުއުޅެވޭނެއެވެ. 

އަހަރެންގެ ރައްޓެއްސަކު ބުނެފައިވެއެވެ. ޢާއިލީ ދިރިއުޅުމަކަށް ފަށައި އޭނާއަށް އެންމެ ފުރަތަމަ ވެސް ޖެހުނީ މަހެއްހައި ދުވަސްވަންދެން ކޮންމެ ދުވަހަކު އޭނާގެ ފިރިމީހާއަށް މާފުކުރާށެވެ! ކޮންމެ ދުވަހަކީވެސް ފިރިމީހާއަށް ކުރެވޭ ކޮންމެވެސް ކަމެއްގެ ސަބަބުން މައްސަލައެއް ނުވަތަ ހިތްހަމަނުޖެހުމެއް އުފެދުނު ދުވަހެކެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގި އެދެމުން، ކެތްތެރިކަން ދެއްވެވުން އެދި ދުޢާ ކުރީއެވެ. އަދި މާފުވެސް ކުރަމުން ގެންދިއައީއެވެ. 

އޭނާ ބުނީ އޭނާއަށް މާފުކުރަން ޖެހުނު ކަންކަމުގެ ލިސްޓު ވަރަށް ދިގުކަމަށާއި އަކުރުތަކުގެ ކަޅުކަން ގަދަކަމުން އޭނާ މާފުކުރި ކަންކަން ހާމަކޮށްފިނަމަ ގިނަ އަންހެނުން އޭނާއަށް މަލާމާތްވެސް ކުރާނެ ކަމަށެވެ. ނަމަވެސް އެހުރިހާ ކަންކަމަށްވުރެ މުހިންމީ ޢާއިލީ ދިރިއުޅުން ކަމަށްވާތީ މާފުކުރަމުން ގެންދިއައީ ކަމަށެވެ. އެކަމުގެ ނަތީޖާ ވަރަށް ފޮނި ކަމަށާއި މަހެއްހައި ދުވަސްފަހުން ހަމަ އެންމެ ކަމަކަށްވެސް މާފުކުރަން ނުޖެހުނު ކަމަށެވެ. 

އޭނާގެ ޙަޔާތަށް ބަލައިފިނަމަ އޭނާގެ މުޅި ދިރިއުޅުން ސަލާމަތް އެކުރީ މާފުކުރުމުންނެވެ. ހަމަ އެއާއިއެކު މާފުކުރުމުގެ މަތިވެރިކަމާއިމެދު ވިސްނައިލާށެވެ! މާފުކުރުމަކީ ދުޢާ ޢިޖާބަ ކުރެއްވެވުމަށް މަގުފަހިވާ ކަމެކެވެ! އެހެނީ މީސްތަކުން އެކަކު އަނެކަކަށް މާފުކުރުމަކީ ﷲ ތަޢާލާ ނުހަނު ލޯބިވެވޮޑިގަންނަވާ ކަމެކެވެ. އަދި ކޮންމެ ދުވަހަކުވެސް އެންމެންގެ ކަންކަމަށް މާފުކުރައްވަމުން ގެންދެވި ޞަޙާބީއަކަށް އެކަމުގެ ސަބަބުން ދިރިހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރުވެސް ރަސޫލް (ޞޢވ) ވަނީ ދެއްވަވައިފައެވެ. 

ކަންކަން މިފަދައިން ހުރިއިރު އެންމެ ކުޑަމިނުން ޙަޔާތުގެ ބައިވެރިޔާ އަށާއި އަމިއްލަ ޢާއިލާގެ މީހުންނަށް މާފުނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން