5.6 މިލިއަން ރުފިޔާގެ އަގުހުރި 1.60 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
5.6 މިލިއަން ރުފިޔާގެ އަގުހުރި 1.60 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ވައިގެމަގުން ބްރެޒިލުން ރާއްޖެއައި 02 މީހެއްގެ އަތުން ޖުމްލަ ބަރުދަނުގައި 1.60 ކިލޯ ހުރި މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ. މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ މި 2 މީހުންވެސް މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވަނީ ދިރުވާލައިގެން ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ކަމަށެވެ.

މީގެ ތެރެއިން ފުރަތަމަ މީހާ އަކީ އުމުރުން 42 އަހަރުގެ ބްރެޒިލްގެ ފިރިހެނެކެވެ. އޭނާ ރާއްޖެއައީ 2019 އޮކްޓޯބަރު 06 ވަނަ ދުވަހު އެވެ. ކަސްޓަމްސްއިން އޭނާ ބަލާފާސްކުރިއިރު، ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލިއިރު، އޭނާގެ ހަށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައެވެ. 

މިތަކެތި ކަސްޓަމްސް އިން ތަހުލީލު ކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައެވެ. އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 837.2 ގްރާމް ހުއްޓެވެ.

މީގެ ތެރެއިން ދެވަނަ މީހާ ރާއްޖެ އައިސްފައިވަނީ  2019  އޮކްޓޯބަރ 25 ވަނަ ދުވަހު އެވެ. އެއީ އުމުރުން 29 އަހަރުގެ ބްރެޒިލްގެ ފިރިހެނެކެވެ. ކަސްޓަމްސްއިން އޭނާ ބަލާފާސްކުރިއިރު، ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލިއިރު، އޭނާގެ ހަށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައެވެ. މި ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާއިރު، މީނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 765.5 ގްރާމް ހުއްޓެވެ.

މިމައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ.

 

 

މިއަދު އޮންލައިން