ބައެއް މީހުން ސުވާލުކުރެއެވެ. "ﷲ ތަޢާލާ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަހަރެން އުފެއްދެވިއިރުވެސް އަހަރެން ދާނީ ނަރަކައަށްކަން ދެނެވޮޑިގެންވެއެވެ. ވީއިރު އަހަރެން އުފަން ކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟"
ޖަވާބަކީ ކޮންމެ މީހަކު ވެސް އުފަން ކުރައްވަވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެއިގެ ތެރޭގައި ހެޔޮ އަމަލުކޮށްގެން ސުވަރުގެ ލިބިގަތުމާއި ނުބައި ޢަމަލުތައްކޮށްގެން ނަރަކައަށް ދިއުމުގެ އިޚްތިޔާރުވެސް ހިމެނެއެވެ.
ނިކަން ބުނެބަލާށެވެ! އެންމެ އުސް އިމާރާތުގެ މައްޗަށް އެރުމަށްފަހު އެއްވެސް ކަމެއް ނުވެ ރީތިކޮށް ބިންމަތީގައި ދެފައި ޖެހޭނެ ކަމަށް ބަލައި އެއްވެސް މީހަކު ފުންމައިލާނެ ހެއްޔެވެ؟ ނުލާނެކަން ޔަޤީނެވެ. ވީމާ ނުބައި އަމަލުތައް ކުރުމުން ދާނީ ނަރަކައަށްކަން ﷲ ތަޢާލާ އަންގަވާފައިވާއިރު ނަރަކައަށް ވަންނަނީ ކީއްވެގެން ހެއްޔެވެ؟ އަނިޔާވެދާނެތީ މަތިން ފުންމައި ނުލުމުގެ އިޚްތިޔާރު އޮތް ފަދައިން ނަރަކައަށް ވެއްޓިނުގަނެ ސަލާމަތްވުމުގެ އިޚްތިޔާރުވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ.
ވީމާ އެމީހަކު ސުވަރުގެއަށް ނުވަދެ ނަރަކައަށް ވަނުމުގެ ޒިންމާ އުފުލަން ޖެހޭނީ އެމީހެކެވެ. އިންސީންނާއި ޖިންނީން ﷲ ތަޢާލާ އުފެއްދެވީ އެކަލާނގެއަށް ކިޔަމަންތެރިވެ އަޅުކަން ކުރުމަށެވެ. އެކަން ﷲ ތަޢާލާ އަނަގަވާފައިވާ ގޮތަށް ކޮށްފިނަމަ އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ. ނުކޮށްފިނަމަ އޮތީ ނަރަކައެވެ. ނަރަކައަށް ވަންނަން ޖެހެނީ ﷲ ތަޢާލާ އެމީހަކު ދުނިޔެއަށް ފޮނުއްވެވި މަޤްޞަދު އެމީހަކު އަމިއްލައަށް އޮޅުވައިލާތީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން