ކޮންމެ އަޅުކަމަކަށްވެސް ފަރުވާތެރިވާށެވެ! ސުވަރުގެ ވައްދަވާނީ ކޮން އަމަލަކުން ކަމެއް ނުއެނގޭނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކޮންމެ އަޅުކަމަކަށްވެސް ފަރުވާތެރިވާށެވެ! ސުވަރުގެ ވައްދަވާނީ ކޮން އަމަލަކުން ކަމެއް ނުއެނގޭނެއެވެ!

ބައެއް މީހުން އެއީ ކުދިކުދި ކަންކަން ކަމަށް ދެކެ ބައެއް އަޅުކަން ކުރުމުގައި ފަރުވާ ކުޑަކުރެއެވެ. އަވަސްއަވަސްކޮށްލައެވެ. އެގޮތަށް ކަންތައް ނުކުރާށެވެ! ކިތަންމެ ކުޑަ އަޅުކަމެއް ކުރި ނަމަވެސް މަޑުމައިތިރިކަމާއި އަދި ކެތްތެރިކަމާއިއެކުގައި ކުރާށެވެ! 

އެހެނީ ތިބާ ސުވަރުގެ ވައްދަވާނީ ތިބާކުރި ކޮން ހެޔޮ އަމަލަކުންކަމެއް އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އެކަން މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ ކިތަންމެ ކުޑަ ހެޔޮ އަމަލެއް ކުރިނަމަވެސް ވީހައި ފަރުވާތެރިކަމާއިއެކުގައި ކުރާށެވެ! އަދި އެއްވެސް ހެޔޮ އަމަލަކީ ކުޑަކުޑަ ކަމެއް ކަމަށް ބަލައި ނުކޮށް ދޫކޮށްނުލާށެވެ! 

މިވާހަކަ އަބަދުވެސް ދައްކަމެވެ. ނަމަވެސް މީސްތަކުންނަށް އަޑުއިވޭކަމުގެ ނިޝާންތައް ފެންނަނީ ވަރަށް މަދުންނެވެ. އެހެންވެ ގިނަގިނައިން ހަނދުމަކޮށްދޭން ޖެހެނީއެވެ. 

ހަމައެކަނި ބޮޑެތި ހެޔޮ އަމަލުތައް ކޮށްގެން ފުއްދައިލަން ހުންނަ މީހަކަށް ކުރެވޭނީ ވަރަށް މަދު ހެޔޮ ކަމެކެވެ. ނަމަވެސް ކުދިކުދި ހެޔޮ އަމަލުތައްވެސް ކުރާނަމަ ވަރަށް ބައިވަރު ހެޔޮ އަމަލުތައް ކުރާށެވެ! 

ގޭގައި ބައަކު ކާންތިބީއެވެ. މޭޒުމަތިން ބޯފެން ހުސްވަނީއެވެ. އެމީހުންނާއި ހަމައަށް ފެންފޮދެއް ގެންގޮސްދިނުމަކީ ވެސް ހެޔޮ އަމަލެކެވެ. އެކަމުން ސަވާބު އެދިގެން ކުރުމުން އަޅުކަމަކަށްވާނެއެވެ. 

މިސާލަކަށް ބުނާނަމަ މިހާރަކަށް އައިސް އެމީހަކު ކޭ ތަށީ ދޮންނަނީ އެމީހެކެވެ. އެއީވެސް ހަމަ ވަރަށް ރަނގަޅު ކަމެކެވެ. ތަށި ދޮވުމަކީ ހަމައެކަނި އަންހެނުން ނުވަތަ ވަކި ބައަކު ކުރަން ޖެހޭނެ ކަމެއް ނޫނެވެ. އަދި އަނބިމިހާއަށް ނުވަތަ މައިމީހާއަށް ބުރަ ނުކުރަން، އެހީތެރިވުމުގެ ނިޔަތުގައި އެވަރުގެ ކަމެއް ކުރި ނަމަވެސް އެކުރެވުނީ ހެޔޮ ޢަމަލެކެވެ. 

މައިންބަފައިންނާއި އަނބިދރިންނާއި ޢާއިލާގެ މީހުންގެ ގައިގައި ލޯބިން ފިރުމައިލުމަކީވެސް ހަމަ އަޅުކަމެކެވެ. ހިނިތުންވުމާއިއެކު ބައްދަލުކުރުމަކީވެސް، ބައްދަލުވުމުން ހިނިތުން ވެލުމަކީވެސް ހަމަ ޞަދަޤާތެކެވެ. 

ހެޔޮ ޢަމަލުތައް ކުރަން ބޭނުންވާ މީހާއަށް މިފަދަ ވަރަށް ގިނަ ފުރުޞަތުތައް ލިބޭނެއެވެ. އެފަދަ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން