ކޮންމެ ހުކުރު ޚުޠުބާއެއްގައި އީމާންވުމަށާއި ތަޤްވާވެރިވުމަށް ގޮވާލަނީ އެކަން ނުކޮށް ޚުޠުބާ ފުރިހަމަ ނުވާނެތީއެވެ. އަދި ކޮންމެ ޚުޠުބާއެއްގައި އީމާންވުމަށާއި ތަޤްވާވެރިވުމަށް ގޮވާލައި ހަނދާންކޮށްދޭން ޖެހޭނެ ގޮތަށް އިސްލާމްދީނުގައި މިއޮތީ އެކަމުގެ ސަބަބުން މީސްތަކުންނަށް ލިބޭނެ ފައިދާއަށްޓަކައެވެ.
އީމާންކަން 1
ކޮންމެ ދުވަހަކުވެސް ޚުޠުބާކިޔަން މިންބަރަށް އަރަނީ ކޮންމެވެސް ނަމެއް ކިޔާ ބައްޕައެއްގެ ކޮންމެވެސް ނަމެއް ކިޔާ ދަރިއެކެވެ. އަރައިހުރެ ހުކުރަށް ގޮސްތިބޭ އެންމެންނަށާއި ރޭޑިއޯ އާއި ޓީވީ އަޑުއަހާ އެންމެންނަށް އީމާންވުމަށާއި ތަޤްވާވެރިވުމަށް ގޮވައެވެ. އަދި އެވަރުން ފުއްދަނީއެއް ނޫނެވެ. ޓީވީތަކުންނާއި ނޫސްތަކުން އެތައް ފަހަރަކު ޚުޠުބާގެ ޚަބަރުތައް ގެނެއެވެ.
މުސްލިމުން ކަމުގައި ވީތީ ހުކުރު ނުކޮށް ވާކަށް ނެތެވެ. ޚުޠުބާ އާއި ނުލައި ހުކުރު ނަމާދުކުރެވޭކަށް ނެތެވެ. އީމާންވުމަށާއި ތަޤްވާވެރިވުމަށް ގޮވައިލުމަކީ ޚުޠުބާގެ ރުކުން/ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި މިވަނީ ލައްވަވައިފައެވެ.
ރާއްޖޭގެ ރައްޔިތުން އިސްލާމް ދީން ޤަބޫލުކުރިތާ 900 އަހަރު ފުރެނީއެވެ. ވައިވި މަދު ބައަކު ފިޔަވައި އެންމެންވެސް މިތިބީ އީމާންކަން މަތީގައެވެ. އަދި ހުކުރު ޚުޠުބާ އަޑުއަހަން ހުކުރަށް ދަނީ ވެސް އީމާންކަމުގައި ތިބުމުންނެވެ. އިމާމް މީހާ މީސްތަކުންނަށް އީމާންވުމަށް ގޮވާލައްވަނީވެސް ހަމަ މިކަންކަން ފުރިހަމައަށް އެނގިވަޑައިގެން ހުންނަވައެވެ.