އެންމެ ލޯބިން އެކުގަ ދުނިޔޭގަ އުޅެވެނީ އެކަކު އަނެކަކަށް މާފުކުރާ ދެމަފިރިންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
އެންމެ ލޯބިން އެކުގަ ދުނިޔޭގަ އުޅެވެނީ އެކަކު އަނެކަކަށް މާފުކުރާ ދެމަފިރިންނަށް!

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ މާފު ކުރުމަކީ އެމީހާގެ ޢިއްޒަތާއި ޤަދަރަށް އުނިކަން އަންނަ ކަމެއް ކަމަށެވެ. މޮޅުވުމަކީ އަނެކަކު ކުށްވެރިކޮށް އެމީހާގެ ކިބައިން ބަދަލު ހިފުން ކަމަށެވެ. އެހެންކަމުން ގިނަވަމުންދަނީ މާފުކުރަން ބޭނުން ނުވާ މީހުންނެވެ. 

މިއީ ވަރަށް ދެރަ ނިކަމެތި ސިފައެކެވެ. މާފުކުރަން ބޭނުން ނުވާ މީހަކަށް އަބަދުވެސް އުލެން ޖެހޭނީ ބައަކާއި ދެބަސްވުމުގައެވެ. އަރާރުންވުމުގައެވެ. ތަލާފޮޅުމުގައެވެ. ޢާއިލީ ދިރިއުޅުމަށް ބަލައިފިނަމަ މާފުކުރަން ބޭނުން ނުވާ ދެމަފިރިންނަށްވެސް އުޅެން ޖެހޭނީ މިފަދަ ޙާލެއްގައެވެ. ރުޅިވެރިކަމާއި ނަފްރަތުން ފުރިގެންވާ ޙާލެއްގައެވެ. މިފަދަ ޙާލަތުގައި ދިރިއުޅޭ އެއްވެސް ދެމަފިރިއަކަށް ދުވަހަކުވެސް އުފަލާއި ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. 

ފުރަތަމަ ވިސްނައިލާށެވެ! ޢަފޫކުރެއްވެވުމުގައި ﷲ ތާޢާލާ އީ އެންމެ ދީލަތިވަންތަ ފަރާތެވެ. ޣަފޫރުއްރަޙީމްއެވެ. ގިނަގިނައިން ފާފަ ފުއްސަވައި ދެއްވަވާ ރަސްކަލާނގެއެވެ. މީހަކަށް ފާފައެއް ކުރެވުނު ނަމަވެސް އެމީހަކު ތައުބާވޭތޯ ބައްލަވަން މަލާއިކަތުން އެ ފާފަ ފަތުގައި ނުލިޔުއްވަވައި 6 ގަޑިއިރު އިންތިޒާރު ކުރއްވަވައެވެ. 

ވީއިރު ﷲ ތަޢާލާ އުފެއްދެވި އިންސާނުން އެކަކު އަނެކަކަށް މާފުކުރަން އަވަސްވެނުގަންނަވީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެއާއިއެކު މާފުކުރާ މީހުންގެ ދަރަޖަ އުފުއްލަވައިދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

މާފުކުރުމުގެ ހުރި ރަނގަޅުކަން ނިކަން ދެކެބަލާށެވެ. އެންމެ އުފާވެރި ދިރިއުޅުމެއް އުޅެމުން ދަނީ އެކަކު އަނެކަކަށް މާފުކުރާ ދެމަފިރިންނެވެ. މާފުކުރަން ޖެހޭ ޙާލަތުގައި މާފުކުރުމުން އެމީހާގެ ޤަދަރު ކުޑަވަނީ ނޫންކަން މި ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

Prophet Muhammad (ﷺ) said:

 Charity does not in any way decrease the wealth and the servant who forgives Allah adds to his respect, and the one who shows humility Allah elevates him in the estimation (of the people).

Sahih Muslim 2588

ބައެއް މީހުންނަށް އުފަލަކަށްވަނީ މާފުނުކޮށް އަނެކާ ނިކަމެތިކުރުމެވެ. އެފަދައިން ކަންކަން ކުރާ މީހުން ﷲ ތަޢާލާ ނިކަމެތި ކުރައްވަވާނެކަންވެސް މިއޮތީ ޙަދީޘްފުޅުން އެނގޭށެވެ. ބޭނުންވަނީ ތިބާގެ މޮޅުކަމާއި ބާރުގަދަކަން މީސްތަކުންނަށް ދައްކަން ހެއްޔެވެ؟ ނޫނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހާގެ ޤަދަރު މަތިވެރިވެ އުފުލިގެން ދިއުން ހެއްޔެވެ؟

ދުނިޔޭގައި އުފަލުގައި ދިރިއުޅެން ބޭނުން ނަމަ އެކަކު އަނެކަކަށް މާފުކުރާ މީހުންނަށްވާށެވެ! މާފުކުރުމުން އަންގައިދެނީ އެމީހެއްގެ ހިތްތިރިކަމާއި އޯގާތެރިކަމުގެ ބޮޑުކަމެވެ. ހިތް ތިރި އޯގާތެރިން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ހިތްތިރިކަމާއި އޯގާތެރިކަމަކީ ރިވެތިކަން ބޮޑު އަޚްލާޤީ ސިފަތައް ކަމުގައިވާތީއެވެ. ވީމާ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދުމަށްޓަކައި ވެސް މާފުކުރުމުގައި ދީލަތިކަން އިތުރުކުރާށެވެ! އެކަމުން ލިބޭ ހިތްހަމަޖެހުން މާބޮޑުވާނެއެވެ. 

ހިނިތުންވުމަކީވެސް އަދި މާފުކުރުމަކީވެސް ހަމަ ޞަދަޤާތެކެވެ. ޞަދަޤާތް ކުރުން އިތުރުކުރި ވަރަކަށް އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން