ދަމު ނަމާދަށް ނުހޭލެވިދާނެ ކަމުގެ ބިރަށް ދަމުނަމާދުކުރަން ނުފަށަން ނުހުންނާށެވެ! އިޚްލާޞްތެރި ނިޔަތާ، ހިތްވަރާއި ޢަޒުމާއި އަދި އުންމީދާއިއެކު ކުރަން ފަށާށެވެ. އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރަމުން ގެންދާށެވެ! ދެން އޮތް ބައި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ!
އަޅުކަމުގެ ތެރެއިން ﷲ ތައާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ އެކަމަކީ ކިތަންމެ ކުޑަ ކަމެއް ނަމަވެސް ޤަވާއިދުން ކުރެވޭ އަޅުކަމެވެ.
މީސްތަކުންނޭވެ ޤަވާއިދުކޮށް ކަމެއް ކުރެވޭނީ އެކަމެއް ކުރަން ގަދައަޅައި މަސައްކަތްކުރުމުންނެވެ. ވީމާ ބިރުގަންނަންވީ ޤަވާއިދުން ނުކުރެވިދާނެތީއެއް ނޫނެވެ. ޤަވާއިދުން ކުރަން މަސައްކަތް ނުކުރެވިދާނެތީއެވެ. މަސައްކަތް ކުރެވިއްގެ ނަމަ އެކަމެއް ކާމިޔާބު ކުރެވޭނެއެވެ.
ތިމާ ކުރަން ބޭނުންވާ ކަމެއް ތިމާއަށް ނުކުރެވިދާނެ ކަމުގެ ބިރު އޮތް ނަމަ ގިނަގިނައިން ދުޢާ ކުރާށެވެ! ﷲ ތަޢާލާއަށް ފޯރުކޮށް ނުދެއްވެވޭނެ ނިޢްމަތެއް ނުވެއެވެ. ފަހިކޮށް ނުދެއްވެވޭނެ އެއްވެސް ކަމެއް ނުވެއެވެ. ވީމާ ކިތަންމެ ނިދި ގަދަ ނަމަވެސް ދަމުނަމާދަށް ތެދުވަން މަސައްކަތްކުރަމުން އެކަމަށް އެދި ދުޢާ ކުރާށެވެ!
ދަމު ނަމާދުކުރާ މީހާގެ ހިތަށް ލިބިދޭ ހަމަޖެހުން އެނގޭނީ ހަމަ ނަމާދުކުރާ މީހަކަށެވެ. އަމިއްލައަށް އިޙްޞާޞްކޮށްލާށެވެ!
- ޢަބްދުއްލަޠީފް