އެކުވެރިންނަށް ވަގުތު ދިނުމުގަ އަމަލުކުރެވޭ ގޮތަކުން ދެދުނިޔެ ވެސް ގެއްލިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އެކުވެރިންނަށް ވަގުތު ދިނުމުގަ އަމަލުކުރެވޭ ގޮތަކުން ދެދުނިޔެ ވެސް ގެއްލިދާނެ!

ހެޔޮ އެދިގެން ކަމަށްބުނެ ތިބާ އާއި ގުޅުން އުފައްދާ މީހުންގެ ތެރޭގައި ތިބާގެ މައްޗަށް ނުފޫޒު ފޯރުވައި ތިބާ ހުއްޓުވައި ކޮންޓްރޯލްކުރަން އަންނަ މީހުން މަދެއް ނުވާނެއެވެ. ވީމާ އެފަދަ މީހުންނާއިމެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ. 

ތިމާ ކުރަން ހުންނަ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ތިބާގެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަކުރުވާ މީހުންނަކީވެސް ވަރަށް ނުރައްކައުތެރި ބައެކެވެ. ޚާއްޞަކޮށް އަޅުކަމުގެ ވަގުތުތަކުގައި އަޅުކަން ކުރަން ހުރަސް އެޅޭ ގޮތަށް ކަންކަން މެދުވެރިކުރުވާ މީހުންނާއިމެދު ވަކިން ބޮޑަށް ވިސްނަން ޖެހޭނެއެވެ. 

ކިތަންމެ ގާތް ނަމަވެސް ރައްޓެހިންނަށް ވަގުތުދޭން ޖެހޭނީ ކުރަން ޖެހޭ މަސައްކަތްތަކަށް އެކަމުން އުނިކަން ނުލިބޭނެ ގޮތަށެވެ. ޚާއްޞަކޮށް ނަމާދުކުރުން ފަދަ ތިމާ ކޮންމެހެން ކުރަން ޖެހޭ އަޅުކަން ކުރަން އެއްވެސް ވަރަކަށް ހުރަސް ނުއެޅޭނެ ގޮތަށެވެ. 

އެހެން މީހުންނަށް މިބުނި ފަދައިން ހުރަސްތައް ކުރިމަތި ކުރުވެނީ އަޅަންޖެހޭ ބައުންޑްރީ ނުއެޅި އޮންނާތީއެވެ. ވީމާ އަވަހަށް ބައުންޑްރީ އަޅާށެވެ. ބައުންޑްރީގެ އެތެރެއަށް އެއްވެސް މިންވަރަކަށް ވަނަ ނުދޭށެވެ. އެކަން ކޮންޓްރޯލް ކުރުމުގެ ބާރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭނެއެވެ. އެބާރުގެ ބޭނުން ނުކުރާނަމަ އެމީހަކަށް މިދުނިޔެވެސް އާޚިރަތްވެސް ގެއްލިގެން ހިނގައިދާނެއެވެ. 

އެންމެ މުހިންމު ކަމަކީ ތިމާއަށް ފައިދާ ނުކުރާނެ ކަންކަމުގެ ވާހަކަތައް ދައްކަން ވަގުތު ހޭދަ ނުކުރުމެވެ. ދެކެވޭ ވާހަކައަކީ ތިމާއަށް ފައިދާ ކުރާނެ ވާހަކައަކަށް ހެދުމެވެ. ނޫން ނަމަ ވަގުތުތައް ބޭކާރު ވެގެންދިއުމުގެ އިތުރުން އިތުރު ފާފަތަކެއްވެސް އުފުލަން ޖެހިދާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން