ރާއްޖޭގެ ވެރިކަމުގައި ހުރެގެން ވައްކަންކުރި ނަމަވެސް އަދި އެނޫން ޖިނާޢީ ކުށެއް ކޮށްގެން ޝަރީޢަތަށް ކުށް ސާބިތުވެ އަދަބު ދޭން ޙުކުމް ކުރި ނަމަވެސް އެ ޙުކުމް ތަންފީޒުކޮށް ނިމުމުން ވައްކަންކޮށްގެން އެއްވެސް މަންފާއެއް ނުހޯދައި ވެރިކަން ކުރި ވެރިންނާއި އެއްގޮތަށް ޢިނާޔަތާއި ރައްކައުތެރިކަން ދޭން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
58 މެންބަރުންގެ އިއްތިފާޤުން މިއަދު ފާސްކުރި އިޞްލާޙާއި ގުޅިގެން ކަންބޮޑުވާ މީހުން ބުނަނީ މިއީ ވެރިކަން ކުރާ މީހަކަށް ވައްކަމާއި ޖިނާޢީ ކުށްތައް ކުރަން ހިތްވަރުދީ އެކަމަށް ބާރުލިބޭ ގޮތަށް ފާސްކުރި އިޞްލާޙެއް ކަމަށެވެ.
މިގޮތަށް ފާސްކުރުމުގެ ކުރިން އޮތީ ވެރިކަން ކުރާ މީހެއްގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވެއްޖެ ނަމަ ދައުލަތުން ދޭ ބޮޑު އިނާޔަތާއި ސަލާމަތާއި ރއްކަތެރިކަން ނުލިބޭ ގޮތަށެވެ.
މިހައިތަނަށް އެ ގާނޫނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގައި ހުރި އިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ހިސާބުން ފެށިގެން އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ ކަމަށެވެ. މިއަދު ފާސްކުރި އިޞްލާހްގައި ވަނީ ރައީސްކަންކޮށްފައިވާ ފަރާތަކަށް ޖިނާއީ ކުށެއް ސާބިތުވި ނަމަވެސް އެ ހުކުމް ތަންފީޒްކޮށް ނިމުމުން އަލުން އިނާޔަތާއި ރައްކާތެރިކަން ލިބެން ފަށާނެ ކަމަށެވެ.