އެންމެ ކާމިޔާބު ވިސްނުންތެރިންނަކީ އެމީހަކަށް ގަހުން މޭވާއެއް ނުލިބުނު ނަމަވެސް އެހެން މީހުންނަށް މޭވާ ލިބުމަށްޓަކައި ގަސްއިންދާ މީހުންނެވެ. އެއީ ކުރާ ކަންކަމުގެ ފައިދާ އެމީހަކަށް ނުކުރި ނަމަވެސް އެހެން މީހުންނަށް ފައިދާ ކުރާނެ ގޮތަށް ކަންކަން ކުރާ މީހުންނެވެ.
މިޙަދީޘްފުޅުގައި އަންގަވާފައި އެވަނީ ޤިޔާމަތްވުމުގެ އައިސް ޖެހޭ ވަގުތަކީ މީހަކު ގަހެއް އިންދަން އުޅުނު ވަގުތު ނަމަވެސް އެ ގަސް ނުއިންދައި ދޫކޮށްނުލުމަށެވެ. އިންދަން އެމީހެއްގެ އަތުގައި އޮތް ގަސް އިންދުމަށެވެ. ޤިޔާމަތް ވެއްޖެ ނަމަ އިންދާ ގަހަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތް އިރުގައިވެސް އިންދަން އަތުގައި އޮތް ގަސް އިންދަން ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ ގަސް އިންދުމުގެ މުހިންމުކަން ބަޔާންކޮށްދެއްވަންކަން ފާހަގަކުރެވެއެވެ.
ވީމާ ގަސްތައް ކަނޑާއިރު މިކަންކަމަށް ވިސްނާށެވެ! ހިޔާ ލިބޭ އަދި ކާބޯތަކެތި އަޅާ ގަހެއް ކަނޑަން ވާނީ ކޮންމެހެން ކަނޑަން ޖެހިއްޖެ ޙާލަތެއްގައެވެ. ހަނގުރާމައިގެ ޙާލަތުގައިވެސް މީސްތަކުންނަށް ފައިދާކުރާ ގަސްތަކަށް ގެއްލުން ނުދޭން ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
މީސްތަކުންނޭވެ! އިންދަންވީ އެގަހަކުން މީސްތަކުންނަށް ފައިދާކުރާނެ ގަސްތަކެވެ. ހިޔާ ލިބޭނެ ގަސްތަކާއި ކާބޯތަކެތި އަޅާ ގަސްތަކެވެ. ހިތްހަމަ ޖެހުން ލިބިގަތުމަށްޓަކައި މާމެލާމެލި އަޅާ ގަސްތައް އިންދުމަކީ ތަފާތު ކަމެކެވެ. އެކަމުން މީސްތަކުންނަށް ކުރާނެ ފައިދާ ތަފާތުވީމައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން